އަދިވެސް މިއުޅެވެނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި އެހެންކަމުން މިއީ މުޒާހަރާ ކުރަންވީ ވަގުތެއް ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލިސް ކައިރީ ކުރިއަށް ގެންދިޔަ ދެ މުޒާހަރާއަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ފައިރޫޝް ވިދާޅުވީ މިއީ މުޒާހަރާތައް ރާވަންވީ ވަގުތު ނޫން ކަމަށާއި، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނަށް އެއް ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފައިރޫޝް ވަނީ އެކި ކަންކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅު ކުރުމަށް މާލޭ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުން ނޫން އެހެން ގޮތްތައް އިހުތިޔާރު ކުރުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
މިއަދު މަޖިލިސް ކައިރީ ދެ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއީ ނަވައިނަވައި ގެ ފަރާތުން އިންތިޒާމުކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.