ޚަބަރު

މަޖިލިސް ކުރިމައްޗަށް އެއްވުމުން ފުލުހުން އެމީހުން ދުރަށް ޖައްސައިފި، ތިބީ 10 ވަރަކަށް މީހުން

3

ނަވައިނަވައި ގެ ފަރާތުން އިންތިޒާމުކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި މިއަދު ހެނދުނު 8:45 އެހާ އިރު ފެށި އިހުތިޖާޖުގެ ބައިވެރީން އެތަނުން ދުރަށް ޖައްސައިފި އެވެ.

އެ ސަރަހައްދުގައި ތިބި "ވަން" ގެ ނޫސްވެރީން މައުލޫމާތު ދޭ ގޮތުގައި އެއްވެ ތިބީ 10 ވަރަކަށް މީހުންނެވެ.

ނަވައިނަވައި އިން ވަން އަށް ކުރީން ބުނެފައިވާ ގޮތުގައި މި މުޒާހަރާގެ ބޭނުމަކީ ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރުވުމެވެ. ކޮވިޑުގެ މި ހާލަތުގައި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށާއި މަޖިލީހުން އެކަށީގެންވާ ޒިންމާއެއް އަދާނުކޮށް، ސަކަރާތް ޖެހުމުގައި ވަގުތުތައް ދުއްވައިލާ ކަމުގެ ތުހުމަތު ނަވައިނަވައި އިން ވަނީ ކޮށްފަ އެވެ.

މިއަދުގެ މުޒާހަރާ ފުރަތަމަ ފެށި އިރު، ބައިވެރީން ތިބީ މަޖިލިސް އިދާރާގެ މައި ގޭޓު ކުރިމަތީގަ އެވެ. ފުލުހުން ދިޔައީ އެ ސަރަހައްދުގައި ފޯރި މަރަމުންނެވެ. އެހެން ނަމަވެސް ސަރަހައްދު ބަންދުކުރުން ފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ. މި ހާލަތުގައި މި ފަދަ އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ އިލްތިމާސްވެސް ކޮށްފަ އެވެ.

އިދާރާ ކުރިމައްޗަށް އެއްވެ ތިބި މީހުން، އެ ސަރަހައްދުން ދުރަށް، ހޮޓެލް ޖެންއާ ހިސާބަށް ފެޔަށް ޖެހެން ފުލުހުން އެންގުމުން އެމީހުން އެ އެންގުމަށް އިޖާބަ ދީފައި ނުވާ ކަމަށް އެ ސަރަހައްދުގައި ތިބި ވަން ގެ ނޫސްވެރީން ބުނެ އެވެ. އެންމެ ފަހުން ފުލުހުންނަށް ޖެހުނީ އެމީހުން ގަދަކަމުން އެ ސަރަހައްދުން ދުރަށް ޖައްސާށެވެ. އެ ގޮތުން ބައެއް މީހުން ދުރަށް ގެންގޮސްފައި ވަނީ ގަދަ ހަދަމުން ދަނިކޮށް އުފުލާލައިގެންނެވެ.

މީގެ އިރުކޮޅެއް ކުރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިސް ބޭރު ގޭޓު ކައިރިޔަށް ނިކުމެ ވަޑައިގެން މުޒާހަރާގެ މަންޒަރުތައް ބައްލަވައިލައްވައިފަ އެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ވަޑައިގެންނެވީ މުޒާހަރާގެ ބައިވެރީންގެ ތެރެއިން ހިންގަވައިފަ އެވެ.

މުޒާހަރާގެ ބައިވެރީން ތިބީ އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. މުޒާހަރާ ބާއްވަނީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ކުރުވަން ކަމަށް ބުނެފައި ވީ ނަމަވެސް، މުޒާހަރާގެ ބައިވެރީން ހިފައިގެން ތިބި ޝިއާރު ބޯޑުތަކުގައި ހުރި ގިނަ ކަންކަން އަމާޒު ވަނީ ސަރުކާރަށެވެ.

ދާދި ދެންމެއަކު ވަނީ މުޒާހަރާ މެދުކަނޑާލައިފަ އެވެ. މުޒާހަރާގެ ބައިވެރީން ބުނީ ދެން މުޒާހަރާ ފަށާނީ މިއަދު މެންދުރު 1:30ގައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟