ޚަބަރު

މާދަމާގެ މަޖިލިސް ޖަލްސާ ވެސް އިދިކޮޅުން ބޮއިކޮޓް ކޮށްފި

އަލީ ޔާމިން

މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުން ބޮއިކޮޓް ކޮށްފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ދީފައި ނުވާތީ މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ދީފައިވާ އަނިޔާވެރި ހަމަލާއާ ގުޅިގެން ތަހުގީގީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށް ގޮވާލާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މާދަމާގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ކޮރޯނާ ވައިރަހުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީ ޒޯން" އެއް ކަނޑައަޅައި، އިގުތިސޯދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ގައުމު ހުޅުވާލުމަށް ހުށަހަޅާ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ފުވައްވަމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހަޅުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020ގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް އެޖެންޑާކޮށްފައިވެއެވެ.

ހަމަނުޖެހުމެއްގައި ޝިޔާމަށް އަނިޔާވި ޖަލްސާއަށް ފަހު އިދިކޮޅުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ދެކޮޅު ހަދައި ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.

މާދަމާގެ ޖަލްސާވެސް ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމިއިރު މާދަމާ ހެނދުނު މަޖިލިސް ކުރިމަތީގައި "މަޖިލިސް ހޭލައްވާލާ މުޒާހަރާ"ގެ ނަމުގައި މުޒާހަރާކުރުމަށް ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި" އިން ވަނީ ނިންމައިފައެވެ.

ނަވާނަވައިގެ ސްޕޯކްސްޕާސަން ފާތިމަތު ސާއިރާ "ވަން" އަށް ވިދާޅުވީ މަޖިލިސް ކައިރީގައި މުޒާހަރާކުރަން ނިންމީ މިފަދަ ދަތި ދަނޑިވަޅެއްގައި ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކަށް އިސްކަން ނުދީ ބޭކާރު ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުންދާ ދިއުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ އަޑު އުފުލުމުގެ ގޮތުން ކަމަށެވެ.