ޚަބަރު

މާލެ ޖަލުގެ އޮފިސަރަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ޖަލުގެ އޮފިސަރުންނާއި ގައިދީން ޓެސްޓުކުރަން ފަށައިފި

އަލީ ޔާމިން

މާލެ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ކޮވިޑް 19އަށް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން، ޖަލު އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކުރަން ފަށައިފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ޖަލު އޮފިސަރުންނާ ގައިދީން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގަމުން އަންނަ އިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ކަރެކްޝަން ސާވިސްއިން ބުނީ، މާލެ ޖަލުން މިއަދު 101 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އެގޮތުން ސާމްޕަލް ނެގިފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ގައިދީންނާއި ބަންދުމީހުން އަދި ހަތް ވެއިޓަރުންގެ ކަމަށް އެ ސާވިސްއިން ބުނެއެވެ.

މީގެ ކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 2203 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1803 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 387 މީހަކަށެވެ. އަދި އަށް މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.