ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ވަޒީފާއާބެހޭ ބިލް ފާސްވެގެންދާ އިރު، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނޭ ގޮތަށް ވިސްނުން ބަހައްޓަންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.
ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާގެ ގާނޫނު އިސްލާހުކުރާ އިރު، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ހުނަރުވެރިކަން ތަރައްގީކުރަންޖެހޭ ކަމަށެވެ.
"ގާނޫނު އިސްލާހުކުރާ އިރު، ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް، ހުނަރުވެރިކަށް ތަރައްގީކޮށް، ހާޑްވޯކިން، މަލްޓި ސްކިލްޑް ފޯސްއަކަށް ހެދުމުގެ ވިސްނުން އިސްކުރަންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ސިނާއަތަނަށް ވިސްނުމުގެ ބަދަލުގައި ހުރިހާ ސިނާއަތަކަށްވެސް ވިސްނަންޖެހޭ ކަމަށެވެ. އަދި ދިވެހިންނަކީ ހުނަރުވެރި ބައެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިގޮތަށް ވިދާޅުވެފައިވާ އިރު، އޭނާ ވަނީ ވަޒީފާއާ ބެހޭ ބިލްގެ ސަބަބުން ވަޒީފާ އަދާކުރާ މީހުން އިތުރަށް މާޔޫސްވާނެ ކަމަށް ވިދާޅުވެފައެވެ. މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް ދިގު ކުރުމާއި، ސަލާމް ބުނާ ކޮންމެ ދުވަަހަކު މެޑިކަލް ސެޓިފިކެޓް ހުށަހަޅަން ޖެހުމާއި، ސާވިސް ޗާޖް ދިނުމުގައި ޓްރާސްޕޭ ނެތުން އެއީ އެންމެ ކަންބޮޑުވާ ކަންކަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މެންބަރު އީސަ ހުށަހެޅުއްވި ބިލުގައި ބަލިވެގެން ސަލާން ބުނާ ކޮންމެ ދުވަހަކަށް ޑޮކްޓަރުގެ ލިޔެކިއުން ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައިވެއެވެ. އަދި ހަ މަސް ދުވަހަށް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށްވެސް ބިލުގައި އޮތެވެ.
އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގުރޫޕުން ވަނީ ބިލަށް އިސްލާހު ގެންނާނެ ކަމަށް ބުނެފައެވެ. އަދި 15 ދުވަހު އެމްސީއާ ނުލައި ސަލާމް ބުނެވޭ ގޮތް ހަދަން މަަސައްކަތް ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.