ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި، ރައީސާއި، ނައިބު ރައީސްގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފައެވެ. އަދި ދެ ގައުމުގެ ފަރާތުން ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދަތުރުފުޅާ ބެހޭގޮތުން ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްވި ގުޅިފައިވާ މިބަޔާނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދްގެ ހާއްސަ މެހެމާނުންގެ ގޮތުގައި ރާޝްތްރަޕަތީ ބަވަންގައެވެ.