އަލީ ޔާމިން
އަންނަ އަހަރަށް ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ އިންތިޒާމުތައް އޮންލައިންކޮށް ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޝަރީފް ވިދާޅުވީ، އޮންލައިންކޮށް ރީ-ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ހަމަޖެހުމުން ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒަށް އަންނަން ޖެހޭ އައުން ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ވޭތުވެދިޔަ ތަނުގެ ތަޖުރިބާގައި އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މި ފަހަރުގެ އިންތިހާބުގެ އަލަށް ހުޅުވާލާ ރީ-ރަޖިސްޓްރޭޝަންގައި އަމިއްލައަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމާއި، މީގެ ދެކަމެއް ކުރުމަށް އަޅުގަނޑުމެންގެ އައިޓީ ޓީމުން އެބަ މަސައްކަތް ކުރޭ. އެއްކަމަކީ އޮންލައިންކޮށް ރީ-ރަޖިސްޓޭޝަންގެ ފޯމު ހުށަހެޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް އެސެސް ދިނުމާއި ޖަމިއްޔާތައް ދިނުން ހިމެނޭ.. ދެވަނަ ކަމަކީ، އޮންލައިންކޮށް އަމިއްލައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާއިރު ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަތުން،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ ޝަކުވާތަކަކީ ކޮމިޝަނަށް އެންމެ ގިނައިން އަންނަ ޝަކުވާތައް ކަމަށާއި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކުގެ ސަބަބުން އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަަމަށެވެ.
ޝަރީފް ވިދާޅުވީ، ފަސްކުރެވުނު އިންތިހާބާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަރަށް އަވަހަށް އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވޭނެ ކަމަށެވެ.