ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބާއްވަން މަޝްވަރާ ކުރަނީ

އަލީ ޔާމިން

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ގާނޫނު އިސްލާހުކޮށް އަންނަ އަހަރަށް ފަސްކޮށްފައެވެ. ގާނޫނު އިސްލާހުކޮށްފައިވަނީ އަލުން އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭ ގޮތަށެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮމިޝަންގެ ނުރަސްމީ ބައެއް ބައްދަލުވުންތަކުގައި ކޮންމެވެސް ވަރަކަށް ކޮމިޝަނުގެ މެންބަރުންގެ މެދުގައި މިކަމުގައި (އިންތިހާބު ބާއްވާނެ ތާރީހާ މެދު) ހިޔާލު ބަދަލުކުރެވިފައިވަނީ. ދެން އަޅުގަނޑުމެން ކޮމިޝަނުގެ މެންބަރުންނަށް އިއްތިފާގުވެވޭ އެއްކަމަކީ އިންތިހާބު ބާއްވާ ނިންމަން ޖެހޭނެއޭ އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން. އެހެންކަމުން ބޮޑަށް އަޅުގަނޑުމެންނަށް ބުރަވެވެނީ މާޗު މަހުގެ ކުރީކޮޅުގެ ތާރީހެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ގާނޫނަށް ގެނެވުނު އިސްލާހާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ހެލްތު މިނިސްޓަރު ކަނޑައަޅުއްވާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ފަށާނެ ތާރީހެއް ކަނޑައެޅުން ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމު ކުރާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން އެ ދުވަހުން ފެށިގެން އިންތިހާބުގެ ކަންކަން ނިމެންދެން އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިސާލަކަށް ޖުލައި ހަތްވަނަ ދުވަހު އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވިއްޖެ ނަމަ އެ ދުވަހުން ފެށިގެން އިންތިހާބުގެ ކަންކަން ނިމެންދެން ސިވިސް ސާވިސް މުވައްޒަފުން ސަސްޕެންޑްވާނެ. ގާތްގަނޑަކަށް ހަތް މަހާއި އަށް މަހާ ދެމެދު އެބޭފުޅުން ސަސްޕެންޑުގައި ތިބެން ޖެހޭނެ، އަންނަ އަހަރުގެ މާޗުގައި އިންތިހާބު ބާއްވަންޏާ. މިއީ ހަގީގަތުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެހާ ދިގު މުއްދަތަކަށް ސިވިސް ސާވިސްގެ މުވައްޒަފުން ސަސްޕެންޑުވާތީ އެކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ސިވިސް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.