ޚަބަރު

ނިއު ނޯމަލްގައި ކެފޭ ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ

އަލީ އަފާފު ރަމީޒު

ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އަލުން ހުޅުވާލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަންވީ ގޮތާ ބެހޭގޮތުން މިއަދު އާންމު ކުރި އުސޫލުގައި ވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ތެރެއިން ކޮވިޑް 19 ޖެހުމަށް މެދުވެރިވަނީ އެކަމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަމަލުތަކާއި ކަންކަން ބަހައްޓާ ގޮތްތަކުން ކަމަށެވެ.

ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ވެސް ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުން އާންމު ސާފުތާހިރުކަން ދަމަހައްޓައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތައް ހިފަހައްޓަންވާނެ ކަމަށެވެ. އަދި ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މަސައްކަތު މާހައުލުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަގަޅަށް ބަޔާންކޮށްދީ، މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބަހައްޓަންޖެހޭނެ ކަމަށެވެ. އަދި ތަނަށް ޒިޔާރަތް ކުރާފަރާތްތަކާއި ކަސްޓަމަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތުވެސް ފެންނަ ގޮތަށް ބަހައްޓަންޖެހޭނެ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

"ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގިރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން،" އެޗްޕީއޭއިން އާންމުކުރި އުސޫލުގައިވެއެވެ.

އެޗްޕީއޭގެ އުސޫލުގައި ވަނީ ކަމާގުޅޭ އިދާރާތަކުގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހުއްދަ އޮތްތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި ހުއްދަ ނެތްނަމަ ކަނޑައަޅާފައިވާ އުސޫލުން ހުއްދަ ނެގުމަށްފަހު ނޫނީ ހިދުމަތް ފޯރުކޮށްދީގެން ނުވާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވާނަމަ ތަނުގައި ޕެސްޓް ކޮންޓްރޯލް ކުރުމާއި މުޅިތަން ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ފުޑް ސޭފްޓީ މެނޭޖްމެންޓް ސިސްޓަމަކަށް ސަޓިފައި ކޮށްފައިވާ ނަމަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މެނޭޖްމެންޓް ޕްލޭންތަކުގައި ކޯވިޑްގެ ކަންކަން ހިމަނަން ޖެހޭނެ ކަމަށެވެ.

މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލު ހާދަން ޖެހޭނެ ކަމަށެވެ. އަދި އާ މުވައްޒަފުން އެކަކު އަނެކަކާ ކޮންޓެކްޓްވުން މަދުކުރުމަށްޓަކައި މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނައުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުން މަދުކުރަންޖެހޭ ހާލަތްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެން ނުދާގޮތަށް ކަންކަން ރޭވުމަށްވެސް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

"ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް އެޅުމުގެ ބަދަލުގައި ސާވް ކުރުމަށް ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުން

ކަނޑައަޅާފައި ބެހެއްޓުން، އަދި އޭނާ އަންގި ލައްވައި މާސްކު އަޅައިގެން ހުރުން، ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު ހުންނަންވަނީ ކްލިން، ފިލްމު ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައި، ބޭކަރީ އުފެއްދުން ބަންދު ނުކުރާނަމަ ބަންދުކޮށްފައި." އުސޫލުގައިވެއެވެ.

އެޗްޕީއޭއިން ބުނީ ޑްރައިވަރުން ނުވަތަ ކާބޯތަކެތީގެ ހިދުމަތްދޭ ތަނުގައި މަސައްކަތްކުރާ ފަރާތްތައް ފިޔަވާ ޑެލިވަރީ ކުރާ މީހުން، އެތަނުގެ އެތެރެއަށް ނުވެއްދުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޑްރައިވަރުގެ އަތް ޑިސްއިންފެކްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭނެ ކަމަށާއި ފޯރުކޮށްދޭ ތަކެތި ބަންދުކޮށްފައި ހުންނަންޖެހޭނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ އެއްޗަކުން ކަމަށްވެސް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

މީގެ އިތުރުން ޑެލިވަރީ ކުރާ މީހާއަކީ ކޯވިޑާ ގުޅޭ މައުލޫމާތު ލިބި ހޭލުންތެރިވެފައިވާ މީހެއްކަމުގައި ކަށަވަރު ކުރަންޖެހޭނެ ކަމަށާއި މާސްކް އެޅުމާއި ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިނެއް ބެހެއްޓުމަށް ސަމާލުކަންދޭންވާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.