ކޮރަޕްޝަންގެ މައްސަލަތަކުގައި މި ސަރުކާރަށް ފިޔަވަޅު ނޭޅޭ ކަމަށާއި މި ސަރުކާރަށް އިންސާފަކީ ވަކި ބައެއްގެ ކިބައިން ބަދަލު ހިފުންތޯ ސުވާލުކުރައްވައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި އެއް ޓުވީޓެއްގައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، "ސިޔާސީ ހާލަތަށް ފެތޭ ގޮތަށް" އަމަލު ކުރާ ޕްރޮސެކިއުޓާ ޖެނެރަލްއަކަށް ބަރޯސާނުވެ، އެހެން މުއައްސަސާތައް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުންނެވީ ގޭގައި ކަމަށާއި އެއީ ކެރިގެން އިންސާފު ގާއިމުކުރުންތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
"އެމްއެމްޕީއާރުސީގެ މައްސަލަތައް ކިތަންމެ ގިނަޔަސް ޒިޔަތާއި އަދީބު ގޭގައި. މިއީ ކެރިގެން އިންސާފު ގާއިމު ކުރުމުގެ ހަމަތޯ ނުވަތަ އިންސާފަކީ ވަކި ބައެއްގެ ކިބައިން ބަދަލު ހިފުންތޯ،" ޖަމީލުގެ ޓުވީޓެއްގައިވެއެވެ.
އޭނާ ވިދާޅުވީ، ކޮވިޑް 19ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ސަރުކާރުން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިމެނޭ ކަމަށާއި އެކަންކަން މި ސަރުކާރުން ނުބަލާ ކަމަށެވެ.
"އެއް ބިލިއަން [ރުފިޔާ] ހަރަދުކުރިއިރު، ބޮޑެތި ޖަރީމާތައް ހިންގާފައިވޭ. ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ދެ މިލިއަން ޑޮލަރު ވުޖޫދުގައި ނެތް ކުންފުންޏަކުން ނެގިއިރު، ފުލުހުންގެ މުއައްސަސާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ކޮބައިތޯ؟،" ޖަމީލު ކުރެއްވި ޓުވީޓުގައިވެއެވެ.
އެސްޓީއޯ މެދުވެރިކޮށް ވެސް ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ޖަމީލު ތުހުމަތު ކުރެއްވިއެވެ. ކަރަންޓީނު ކުރުމަށް އެކަހެރި ކުރި މީހުން ހާލުގައި ޖައްސާފައި، އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނެގި ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަމުންދޭތޯ އޭނާ ސުވާލުކުރެއްވިއެވެ.
މި ސަރުކާރުގެ ހިނާޔަތްތައް މުއައްސަސާތަކަށް ނުބެލޭ ކަމަށް ވިދާޅުވެ ޖަމީލު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ކޮވިޑް 19ގެ ކަންކަމުގައި ހިނގި ކަންތައްތަކާ ގުޅޭ ތަހުގީގެއް އޭސީސީން ފެށިއެވެ. ނަމަވެސް އޭސީސީން ކުރި ތަހުގީގުގައި އެފަދަ ކަމެއް ފާހަގަނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ތިބީ ރައީސް ޔާމީނާއި އަހުމަދު އަދީބާއި ޒިޔަތު ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމް ކުރެވުނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ.