ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ އެއްވެސް މީހެއްގެ މައްސަލަ ނުބަލަން ނިންމައިފައެއް ނުވާނެ: ޕީޖީ

އަލީ ޔާމިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނަތުގައި ޝާމިލުވާ އެއްވެސް މީހެއްގެ ތަހުގީގު ނުކުރުމަށް ނުވަތަ އެ މައްސަލައިގައި ޝާމިލުވާ އެއްވެސް މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައި ނުގަތުމަށް ނިންމާފައި ނުވާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި" މި ސުރުހީގައި އޮންލައިން ނޫހެއް ކަމުގައިވާ "ދިޔަރެސް" ގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ބެހޭގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ވެރިންނަށާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލައިގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް އޮތް ލިޔުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، ރާއްޖޭގެ ގާނޫނުތައް ތަރުތީބުވެފައިވާ ގޮތުން ތަހުގީގީ އިދާރާތަކަކީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް މިނިވަންކަމާ މުސްތަގިއްލުކަމާއެކު ތަހުގީގުކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެއް ކަމަށާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާ މެދު ގޮތް ނިންމުމާއި، ތަހުގީގު ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ތަހުގީގީ އިދާރާތަކުގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި އެއީ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނަތުގައި ޝާމިލުވާ އެއްވެސް މީހެއްގެ ތަހުގީގު ނުކުރުމަށް ނުވަތަ އެ މައްސަލައިގައި ޝާމިލުވާ އެއްވެސް މީހެއްގެ މައްސަލަ ބަލައިނުގަތުމަށް ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެއްވެސް އިރަކު އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގަވާފައި ނުވާ ކަމަށާއި އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތަކާއި އެ މައްސަލަތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަން ހުންނާނެ ކަންކަން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލަށް ނިސްބަތްކޮށް، ޕްރޮސެކިއުޓާ ޖެނެރަލްއާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މެދު އާންމުންގެ މެދުގައި އިތުބާރު ގެއްލޭ ގޮތަށް "ދިޔަރެސް" ގައި ދޮގު ލިޔުމެއް ޝާއިއު ކުރިއިރު، އެ ލިޔުމާ ގުޅޭ ގޮތުން އެ އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެ ލިޔުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއުކޮށްފައިވާ ލިޔުމަކަށް ވާތީ، އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.