ޚަބަރު

ހައި ކޯޓަށް ގޮސްގެން ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރާ މައްސަލަ ބަލަން ޖެހޭ: އާދަމް ޝަރީފް

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ލަސްވަމުންދާތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވެވި ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުމެއް އެންމެ ފަހުން ބާއްވައިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އިސްތިއުނާފީ އަޑުއެހުންތައް އޮތީ މަޑުޖެހިފައެވެ.

ކޮވިޑް 19ގެ ސަަބަބުން ކޯޓުތަކުން ބައެއް ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށްގެންދާ އިރު، އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ފިޔަވައި އެހެން ޝަރީއަތްތައް އެބަ ހިންގޭ ކަމަށާއި އިންސާފު ލިބުން ލަސްވުމަކީ އިންސާފު ހޯދައިދިނުމަށް ހުރަސް އެޅުން ކަށެވެ.

"ހައި ކޯޓަށް ގޮސްގެން ނަމަވެސް މިކަން ހިނގާ ގޮތް ބަލަން އެބަޖެހޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމުންވެސް އެމަނިކުފާނަށް ދިވެހިން ކުރާ އިހުތިރާމު ވީ އިތުރު ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރަމުން އަންނައިރު މައްސަލައިގެ އަޑުއެހުންތައް ފެށުމަށްފަހު ދައުވާކުރާ އެއްވެސް ފަރާތަކަށް ދައުވާ ފޯމް އިސްލާހުކުރުމަށްޓަކައި މައްސަލަ އަނބުރާ ގެންދިޔުމުގެ އިހުތިޔާރު ދިނުމަކީ އަދުލުވެރި ގޮތެއް ނޫން ކަމާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ހައިކޯޓުން ވަނީ ދާދި ފަހުން ކަނޑައަޅައިފައެވެ.