ކޮވިޑް 19ގެ ސަބަބުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސް އިން ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމުމުން، އެކަމުގެ ކަންބޮޑުވުންތައް އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުން ހިއްސާކުރައްވައިފައެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފިޔަވައި ދެން ތިއްބަވާ ފަސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފިރާގު "ވަން" އަށް ވިދާޅުވީ، މި ބައްދަލުވުމުގައި އައްޑޫ މެންބަރުންގެ ކަންބޮޑުވުންތައް ކޮންފަރެންސް މެދުވެރިކޮށް ސްރީލަންކަން އެއާލައިންސްއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސްރީލަންކަންގެ ދަތުރުތައް އަލުން ފެށޭނެ ގޮތްތަކެއް އެއާލައިންސްގެ ފަރާތުން މެންބަރުންނާ ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ސްރީލަންކަން އެއާލައިންސްއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިނެވެ.
ފިރާގު ވިދާޅުވި ގޮތުގައި، މިދިޔަ ތިން އަހަރު ވެސް ސްރީލަންކަން އިން ގަމަށް ދަތުރުކުރަމުން އައީ ގެއްލުމުގައި ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ގަމަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމިއިރު، ބޯޑަރުތައް އަލުން ހުޅުވާލުމުން ވެސް އެ އެއާލައިންގެ ދަތުރުތައް ގަމަށް ފެށުމުގެ އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ހަމައެކަނި އައްޑޫ ސިޓީ ޕްރޮމޯޓްކޮށްގެން ފަސިންޖަރުން ނުލިބުމެވެ. ނަމަވެސް އައްޑޫ އަތޮޅާއި ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅުވާލައި، ރަނގަޅު ޑޮމެސްޓިކް ކަނެކްޝަނެއް ގާއިމުކުރެވި، ފްލައި ޝެޑިއުލެއް ލިބިއްޖެނަމަ ގަމަށް ސްރީލަންކަންގެ ދަތުރުތައް އަލުން ފެށިގެން ދިއުމަކީ އެދެވޭ ކަމެއް ކަމަށް ފިރާގު ވިދާޅުވިއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީ އަދި މަންޓާ އެއާއެވެ. މީގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަނީ މޯލްޑިވިއަން އެކަންޏެވެ.