ކޮވިޑް-19 އަށްފަހު ދިިމާވި އިގްތިސާދީ އަޑިގަނޑަށްފަހު ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި މިއަދު ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓް ކޮށްފިއެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ވަން" އަށް ވިދާޅުވީ، މިއަދު 8.3 ޓަނުގެ ފިނިކުރި މަސް ޔޫރަޕަށް އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ.
މިއީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އިގްތިސާދު ދަށަށް ދާން ފަށާފައިވަނިކޮށް އެ އެއާލައިނުން ރާއްޖެއިން އެކްސްޕޯޓް ކުރި އެންމެ ގިނަ އަދަދެވެ.
ކޮވިޑާ ގުޅިގެން ސްރީލަންކަން އިން ހަފްތާއަކު ތިން ފްލައިޓު ރާއްޖެއަށް ބާއްވަމުން އަންނައިރު މިދިޔަ ހައެއްކަ މަސް ދުވަހު އާންމުކޮށް ރާއްޖެއިން އެކްސްޕޯޓް ކުރަނީ 2-3 ޓަނުގެ މަހެވެ. ފިރާގު ވިދާޅުވީ، ކޮވިޑުގެ ކުރިން ސްރީލަންކަން އެއާލައިންސްގެ ފްލައިޓުތަކުގައި ރާއްޖެއިން 40-60 ޓަނުގެ މުދާ އެކްސްޕޯޓް ކުރި ކަމަށެވެ.
ސްރީލަންކަން އެއާލައިންސް އިން މިއަދު ވަނީ 34 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައެވެ. އަދި ރާއްޖޭގައި ތާށިވެފައި ތިބި 281 މީހަކު އަނބުރާ ލަންކާއަށް ގެންދިއުމަށް ވެސް މިއަދު ފްލައިޓެއް އަޅާފައިވެއެވެ.