ބަނޑުބޮޑުވުމަކީ ކޮންމެ އަންހެނަކަށްވެސް ލިބޭނެ އެންމެ އުފާވެރި އެއް ހަބަރެވެ. ތުއްތު ފުރާނައެއް އަންހެންމީހާގެ ހަށިގަނޑު ތެރޭގައި ވިންދު ޖަހާކަން އެނގުމުން މުޅި އާއިލާ އޭނާގެ ހިދުމަތުގައި އަވަދިނެތި އުޅޭނެއެވެ. ޝައްކެއްވެސް ނެތެވެ. ބަނޑުބޮޑު ދުވަސްވަރަކީ އަންހެން މީހާގެ ހަށިގަނޑަށް ތަފާތު އެކި ބަދަލުތައް އަންނަ ދުވަސްވަރެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މާބަނޑު މީހާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ބަނޑުބޮޑުވުމުން އަންހެން މީހާ ކުރިމަތި ލާން ޖެހޭ އެއް ކަމަކީ ހަށިގަނޑުގެ ތަންތަން ދުޅަވުމެވެ. މިއީ އާއްމުކޮށް މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުން ކުރިމަތިލާން ޖެހޭ ކަމެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު އަންހެން މީހާގެ މޫނާއި، އަތާއި ފައި ތަންތަން ދުޅަވެ ފޮއްސިވުމަކީ އާއްމު ގޮތެއްގައި ދިމާވާ ކަމެކެވެ.
މާބަނޑު ދުވަސްވަރު ފޮއްސިވުމާއި ނުވަތަ ހަށިގަނޑުގެ ބައެއް ތަންތަން ދުޅަވުމަށް މެދުވެރިވާ ބައެއް ސަބަބުތައް ހުރެއެވެ. އޭގެ އެއް ސަބަބަކީ، ބަނޑުގައި އޮންނަ ކުއްޖާ ހެދިބޮޑުވުމުގެ ސަބަބުން ހަށިގަނޑުގައި ފްލުއިޑްސް އުފައްދާ މިންވަރު އިތުރުވުމެވެ. މީގެ ސަބަބުން އާއްމުގޮތެއްގައި ފައި ވަރަށް ބޮޑަށް ފޮއްސި ވާނެއެވެ.
މާބަނޑު ދުވަސްވަރު ގައިގެ ބައެއް ތަންތަން ފޮއްސިވާ ނަމަ އެކަމަށް ގޭގައި ހުރެގެންވެސް ބައެއް ފަރުވާ ހޯދިދާނެއެވެ. ބައެއް ހާލަތްތަކުގައި ފޮއްސިވުމުން ސަލާމަތްވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތައް ވެސް ގެނެވިދާނެއެވެ.
އެގޮތުން ފައި ތަންތަން ފޮއްސިވެ ދުޅަވާނަމަ، ގިނަ އިރު ވަންދެން ކޮޅަށް ހުރުމާއި އެއްތާކު އިށީނދެ އިނުމުން ދުރުވާށެވެ. މީގެ އިތުރުން، މާބަނޑު ދުވަސްވަރު ގަޔަށް އެހާ ބާރުކޮށް އަންނައުނު ނުލުމަކީވެސް ފޮއްސިވުމަށް އޮތް ހައްލެކެވެ. މީގެއިތުރުން އަވީގައި ނުވަތަ މީހާ ދާހިތްލާ ވަރުބަލިވާ ފަދަ ބުރަ މަސައްކަތް ނުކުރުމާއި ގިނައިން ދިޔާ އެއްޗެހި ބުއިމަކީވެސް އެކަމަށް އޮތް ފަރުވާއެކެވެ. ގިނައިރު ފައި އެލުވައިގެން އިނުމަކީ ފައި ފޮއްސިވުމަށް ދިމާވާ މައިގަނޑު ސަބަބެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.
މާބޮޑަށް ފޮއްސިވުން ފަދަ އާދަޔާ ހިލާފު ކަމެއް ފާހަގަވާ ނަމަ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ވާނެ އެވެ.