މިހާރު އުޅޭ ސިޔާސީ ލީޑަރުންގެ ތެރެއިން ހައްގު ގޮތުގައި ޖިނާއީ ހުކުމެއް ނުކުރާ އެއްވެސް ބޭފުޅެއް ނުހުންނާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ލީޑަރުންތަކަށް ޖިނާއީ ހުކުމް ކުރައްވާފައިވަނީ ކޯޓުތަކުން ކަމަށެވެ.
"އަދި އިސްތިއުނާފްގެ ދެ މަރުހަލާގައިވެސް ގިނަ ބޭފުޅުން ހިންގަވާފައި ހުރީ. ދެން ރާއްޖޭގެ ވާހަކަ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ ބޭރުގައި ތިބި މީހުން ކަންކަން ދިރާސާ ކުރާ މީހުން ތަފާތު ގޮތްގޮތަށް ލިޔާނެ ދެއްތޯ؟ އެހެންވީމަ އަޅުގަނޑު ބުނާނީ މިއީވެސް ދުވަހެކޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޖިނާއީ މައްސަލައަކާ ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ސަމާސާފުޅު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހުންނަ ހުރިހާ މައްސަލައަކީ "އެކި ފަށަލައިން ދޮވެލީމާ ސާފުވާ" މައްސަލަތައް ކަމަށެވެ.