ޚަބަރު

އައްޑޫގައި ފުރަތަމަ ފަހަރަށް ކޮވިޑަށް ޓެސްޓު ކޮށްފި

މަރިޔަމް ޝަހުދާ

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްގައި ފުރަތަމަ ފަހަރަށް ކޮވިޑަށް ޓެސްޓު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އެ ހޮސްޕިޓަލުގެ ލެބޯޓްރީން މިއަދު ވަނީ ޕީސީއާރު މެޝިނު ބެނުންކޮށްގެނެ ކާމިޔާބު ކަމާއެކު ކޮވިޑް 19 އަށް ޓެސްޓު ކޮށްފައެވެ.

ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މިއީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކޮވިޑް 19އަށް ޓެސްޓު ކުރި ފުރަތަމަފަހަރެވެ.

ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ ވަސީލްތަތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން އަތޮޅުތަކުގައި ޖީން އެކްސްޕާޓް މެޝީން ބޭނުންކޮށްގެން ޓެސްޓުކުރާ ގޮތަށް ކުރީން އޮތް ނަމަވެސް، މިހާރު ނިންމާފައި ވަނީ އަތޮޅުތަކުގައި ވެސް މާލެއެކޭ އެއް ފަދައިން ޕީސީއާރް މެޝިން ބަހައްޓަައިގެން ޓެސްޓު ހަދަން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.