ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދާއި މާދަމާގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، މިއަދާއި މާދަމާގެ ޝަރީއަތްތައް ކެންސަލް ކުރިޔަސް ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި ތަހުގީގުކުރާ އިދާރާތަކުން އެކި ކަންކަމަށް ބޭނުންވާ އަމުރުތައް ނެރުމުގެ މަސައްކަތް ގާޒީންނާއި މުވައްޒަފުން ގޭގައި ތިބެގެން ވާޗުއަލްކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވި މުވައްޒަފާއި ސީދާ ކޮންޓެކްޓް ވީ މުވައްޒަފުންގެ ތެރެއިން ކަރަންޓީނަށް ދާން ޖެހޭ މުވައްޒަފުން، ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުން އިތުރަށް ބުނީ، މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް، ގިނަ މުވައްޒަފުންތަކެއް ކަރަންޓީން ކުރަން ނުޖެހޭ ގޮތަށް ކޯޓުގެ މަސައްކަތްތައް ކުރިން ވެސް ރޭވިފައިވާ ކަމަށެވެ.
އެގޮތުން ކޯޓުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ގާޒީންނާއި މުވައްޒަފުން ނުކުންނާނީ ދެ ދަންފަޅިއަކަށް ކަމަށާއި ކޮންމެ ދަންފަޅިއެއްގައި ވެސް ނުކުންނާނީ ޝަރީއަތް ކުރާ ދެ ސެކްޝަނުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި ސެކްޝަނަކުން ވެސް މަސައްކަތް ނުކުންނާނީ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށް ވެސް އެކޯޓުން ބުނެއެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ވެސް ދާދި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ވަނީ ނިންމައިފައެވެ.