ޝަހީދާ އަބްދުﷲ ސައީދު
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަކީ އެމްޑީޕީގެ ހަރުކަށި ފިކުރު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ކަންކަން މާބޮޑަށް ގޯސްވެ، ރައްޔިތުންގެ ހައްގުތައް ގެއްލި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފިނަމަ ގާސިމް ކޯލިޝަންގައި ހުންނަވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ގާސިމަކީ އެމްޑީޕީގެ ހަރުކަށި ފިކުރު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީގައި ވެސް ހަރުކަށި ފިކުރު ނެތްކަމަށް ވިދާޅުވިއެވެ.
ގާސިމަކީ އަބަދުވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
''މިހާރު ތި ކޯލިޝަންގައި އުޅުއްވާ ލީޑަރުންނަށް ބަލާއިރު، ކޯލިޝަން ހިފަހައްޓާ ވެރިކަން ބަދަލުވެ މި ހުރިހާކަމެއްގެ އެންމެ ބޮޑު ކޮންޓްރިބިއުޝަނަކަށް، އެންމެބޮޑު ހިއްސާއެއް އަދާކުރެވުނު ބޭފުޅަކަށް ހުންނާނީ ގާސިމް އިނގޭތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި މީގެ ކުރިންވެސް ގާސިމާއެކު ސިޔާސީ އެއް ފުލެޓްމެއްގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މަސައްކަތެއް ކުރުމަށް ގާސިމް ވަޑައިގެންފިނަމަ މަރުހަބާ ދަންނަވާނެ ކަމަށެވެ.