ވ. ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ މަސައްކަތަށް ރަކީދޫއަށް ތަކެތި ފޮނުވާފައި އިވަނީ ހުކުރު ދުވަހުއެވެ. އަދި މި ޕްރޮޖެކްޓު ފެށުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސަސްމަންޓު (އީއައިއޭ) އެޕްރޫވަލް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ރަކީދޫ ބަނދަރާއި ނެރުގެ 5645 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން 156 މީޓަރު ބޭރު ތޮށި ހެދުމާއި، 74 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރު އެއްގަމު ތޮށި ހެދުމާއި، އަށް މޫރިން ބޮއެ ލުމުގެ އިތުރުން އަށް ބަނދަރު ބައްތި އަދި ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ. ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާމިނުގައި ޕޭވްމަންޓެއް ހަދާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީއާ މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެއްވަނަ ދުވަހުއެވެ. މިޕްރޮޖެކްޓަކީ 18.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.