ޚަބަރު

އައްޑޫ ސިޓީން ބިދޭސީންނަށް ހަރުދަނާ ގަވައިދުތަކެއް، ހުއްދަ ނެތް ބިދޭސީންނަށް އެ ސިޓީގައެއް ނޫޅެވޭނެ

އައްޑޫ ސިޓީއަށް ބިދޭސީއަކު ގެންދިއުމުގެ ކުރިން އެބިދޭސީއަކު އައްޑޫއަށް ގެންދާ ފަރާތަކުން ރަޖިސްޓްރީކުރަން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެގޮތަށް ނިންމީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ)ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނާއި ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އެގޮތުން އައްޑޫއަށް ބިދޭސީއަކު ގެންދިއުމުގެ ކުރިން އެ ބިދޭސީއަކު ގެންދާ ފަރާތަކުން ރަޖިސްޓްރީ ކުރަން އަންގާފައިވަނީ އެ އަވަށެއްގެ އަވަށު އޮފީހުގައެވެ. އައްޑޫން ބިދޭސީއަކު ފޮނުވައިލުމުގެ ކުރިން ނުވަތަ ބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް ވެސް ހުށަހަޅަން ވަނީ އަންގައިފައެވެ.

އޭގެ އިތުރުން މިހާރު އައްޑޫގައި އުޅޭ ބިދޭސީން ވެސް އަވަށު އޮފީހުގައި ރަޖިސްޓްރީ ކުރުމަށާއި ލިޔެކިޔުން ފުރިހަމަ ނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުން އައްޑޫ ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިނުވެ، އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަމުން ގެންދަން ނިންމާފައިވާ ކަމަށެވެ.