ޚަބަރު

ނަމާދަށް ހުރި މީހަކަށް ފުރައްސާރަ ކުރާ ވީޑިއޯއެއް އާންމުވެއްޖެ

ނަމާދަށް ހުރި މީހަކަށް ފުރައްސާރަ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯގައި ފެންނަނީ މާލޭގެ އޮފީހެއްގެ ތެރެ މީހަކު ނަމާދު ކުރަން ހުންނަތަނެވެ. އަދި އެމީހާ ނަމާދު ކުރާ މަންޒަރު ވީޑިއޯ ކުރަން ހުންނަ މީހާ މަޖާވެފައި ވީޑިއޯ ކުރަމުން ނަމާދު ކުރާ މީހާއަށް ޖޯކު ޖަހައި ވާހަކަ ދައްކާ އަޑު ވީޑިއޯގައި ފެނެއެވެ.

މި ވީޑިއޯ ނިމޭއިރު، ވީޑިއޯ ކުރި މީހާ ދައްކާ ވާހަކަ ތަކުގެ ސަބަބުން ނަމާދު ކުރަން ހުރި މީހާ ނަމާދު ދޫކޮށް އެމީހާ ފަހަތުން ދާން ތެދުވާ މަންޒަރުވެސް ފެނިގެންދެއެވެ.

މިހާރު އެ ފެންނަނީ، "އަޅުކަމުގެ މަތިވެރި މަގާމު ކުރައްވަމުން ގެންދަވާ މަންޒަރު" ކަމަށް ވިޑިއޯކުރާ މީހާ ބުނާ އަޑުވެސް އިވެއެވެ. އަދި "އަޅުގަނޑަކަށް ހިއެއް ނުވޭ ފަތިސް ނަމާދު ގާއިމް ކުރައްވާނެހެނެއް" މިހެން ބުނެ ނަމާދު ކުރަން ހުރި މީހާއަށް އިޝާރާތްވާ ގޮތަށް އެމީހާ ދެން ފެންނާނީ "ފަތިހުގެ ހަމަހިމޭން ކަމުގެ ތެރެއިން ޖެހެމުންދާ ފިނިފިނި ވައިރޯޅީގެ ތެރޭގައި ފަތިހުގެ ރީތި ނަލަނަލަ އަންހެން ކުދިން އުފުލުމަށްޓަކައި މަގުމަތީގައި ދެކޮޅަށް ދުވާ މަންޒަރު" ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ނަމާދު ކުރަން އިން މީހާ ސަޖިދައިގައި އޮއްވައި، އެމީހާ އޮތީ ސަޖިދައިގައި ކަމެއް ނޫނީ ރުކޫއުގައި ކަމެއް ނޭނގެ ކަމަށް ވީޑިއޯ ނެގި މީހާ ބުނެއެވެ. އަދި އެމީހާ ނަމާދު ކުރާއިރު ވީޑިއޯ ކުރަން ހުރި މީހާ އޭނާގެ އަމިއްލަ ނަފްސަށް މުހާތަބުކޮށް، އޭނާ ކައިރީ ހުރި "ދެ އިބިލީސް" ހެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ވީޑިއޯ ކުރި ކަމަށް ބެލެވޭ މީހާ މިހެން ބުނެ ވާހަކަ ދައްކަމުން ދާއިރު ދެން ވީޑިއޯ އިން ފެނިގެން ދިއައީ ނަމާދު ކުރަން ހުރި މީހާ ނަމާދު ދޫކޮށްލައި، އެމީހާ ފަހަތުން ދިއުމަށް ތެދުވާ މަންޒަރެވެ. އެއާއެކު ވީޑިއޯ ކުރަން ހުރި މީހާ ހޭން ފަށާފައި އަނެއް ކޮޅަށް އެނބުރޭއިރު އެމީހާ ހުރީ މަގުމައްޗަށްވާ ގޮތަށެވެ. އަދި ވީޑިއޯ ނިމޭއިރު މަގުމަތީ ޕާކު ކޮށްފައިވާ ކާރާއި ސައިކަލުތައްވެސް ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯއަށް ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ވަނީ ވީޑިއޯ އިން ފެންނަނީ ރައްޓެހިންގެ ތެރެއިން އެކަކު ނަމާދަށް އެރުމުން އެމީހާ ހެއްވުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށް ބުނެ، މިއީ ކުރަން ރަނގަޅު ނޫން ކަމެއްކަން ފާހަގަކޮށް ވީޑިއޯ އަށް ފާޑު ކިޔައިފައެވެ. އަދި ބައެއް މީހުން ވަނީ މިއީ ދީނަށް ޖޯކު ޖަހައި، ދީނަށް ފުރައްސާރަ ކޮށްފައިވާ ވީޑިއޯއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ވީޑިއޯއަށް ފާޑު ކިޔާފައިވާއިރު، މިފަދަ ކަންކަމަކީ ކުރުން ރަނގަޅު ނޫން ކަންކަން ކަމަށާއި، ނަމަވެސް މިފަދަ ކަންކަން އާންމު ވަނީ މިކަމަށް ފިޔަވަޅެއް ނޭޅޭތީ ކަަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.