ޚަބަރު

ޖަލުތަކުގެ އޯޑިޓް ކޮމިޝަނެއް އެކުލަވާލައިފި

މަރިޔަމް ޝަހުދާ

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓެއް ހެދުމަށް "ޖަލުތަކުގެ އޯޑިޓް ކޮމިޝަން"ގެ ނަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ކޮމިޝަނެއް އެކުލަވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭ ހިމެނޭ ކަމެއް ކަމަށްވާ ދިވެހިރާއްޖޭގެ ޖަލުތައް އޮޑިޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި، ކަންކަން އިސްލާހުކޮށް ގައިދީންގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ގައިދީންނަށް އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުން ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން ޖަލުތަކުގެ އޯޑިޓް ކޮމިޝަނަށް ހަތް މެމްބަރެއް ވަނީ އައްޔަން ކުރެވިފައެވެ. އެއީ؛

- ޑރ. އަބްދުﷲ އިސްނީން ހިލްމީ / ތެވެލި، ސ. ހިތަދޫ

- އައްޝެއިހް އަހްމަދު އަބްދުލްކަރީމް / ހުޅުމާލެ ފްލެޓް 07-3-23

- ޝަހިންދާ އިސްމާއިލް / މއ. ބޯގަންވިލާ، މާލެ

- އަހްމަދު މުހައްމަދުފުޅު / ރިހިތަޅާގެ، ރ. ކަނދޮޅުދޫ

- ޒުލައިހާ ދާއޫދު / ގ. މާލެހިޔާ 2، މާލެ

- ޝާދިޔާ އާދަމް / ސާތީ، އދ. ދަނގެތި

- އައިމިނަތު ނާހީން އަހްމަދު / މާބުޅާގެ، ޏ. ފުވައްމުލަކު

އެ ކޮމިޝަން އުފައްދައި ކޮމިޝަނަށް ބޭފުޅުން އައްޔަންކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން އަބްދުﷲ އެވެ.