ޚަބަރު

އިރުކޭތަ ބެލުމުގައި ސަމާލުކަން ދޭންވީ ކަންކަން

މުހައްމަދު އައުޒަމް

އިރާއި ހަނދު އަދި ދުނިޔެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންމެއަހަރަކުވެސް އިރު ކޭތަ އާއި ހަނދު ކޭތަ ހިފައެވެ.

މިއަދު މިހިފާ އިރު ކޭތައަކީ މިއަހަރުގެ ދެވަނަ އިރުކޭތައެވެ. މިހިފާ އިރުކޭތަ ފެނުމުގެ ނަސީބު ރާއްޖޭގެ ބައެއް ސަރަހައްދުތަކަގައި އުޅޭ މީހުންނަށް ލިބޭނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވަން އަށް މައުލޫމާތުދެއްވަމުން މެޓުން ބުނެފައިވަނީ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 08:45 ގައި ކަމަށާއި ކޭތަ ވީއްލާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 14:30 ގައި ކަމަށެވެ. ރާއްޖެއަށް ފެންނަން ފަށާނީ ހެނދުނު 09:30 ހާއިރު އުތުރުގެ އަތޮޅުތަކަށް ކަމަށެވެ.

ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކޭތަ ފެންނަ އިރު ފެންނާނީ ފަނޑުކޮށްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖޭ ގަޑިން މެންދުރު 01:30 ހާއިރު ކޭތަ ފަނޑުވާން ފަށާނެކަމަށާއި ކޭތަ އެންމެ ފުރިހަމަކޮށް އިރާއި ދުނިޔެއާއި ހަނދު އެއް ލައިނަކަށް އެތުރޭ ވަގުތު އިރުވަށައިގެން ރިންގެއް ގޮތަށް ދިއްލިފައި ހުންނަ މަންޒަރު ރާއްޖެއަކަށް ނުފެންނާނެކަމަށް މެޓުން ބުނެއެވެ.

ހަނދު ކޭތައާއި ހިލާފަށް އިރު ކޭތައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލަން ޖެހޭ ކޭތައެކެވެ. އިރުކޭތައަށް އެއްވެސް ހުރަހެއްނެތި ހަމަލޮލުން ބެލުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ހަމަލޮލުން ސީދާ އިރަށް ބަލައިފިނަމަ ލޮލަށް ދާއިމީ ގެއްލުމެއްވެސް ވެދާނެއެވެ. ލޮލުގެ ފެނުންވެސް ނެތިގެން ހިނގައިދާނެ އެވެ.

އިރުކޭތަ ބަލަން ބޭނުންނަމަ އެކަމުގެ އާލާތްތައް ބޭނުން ކޮށްގެން ބެލުން ވަރަށް މުހިއްމެވެ. އިރުގެ އަލިން ލިބޭ ގެއްލުން ކުޑަކުރުމަށް ހާއްސަ އިކްލިޕްސް އައިނު ރާއްޖެއިންވެސް ލިބެންހުރެއެވެ.

އިރުކޭތަ ބެލުމަށް ދުރުމިއާއި އެކްސްރޭ ގަނޑު ބޭނުން ކުރުމަކީ ވެސް ނުރައްކާތެރިކަމެކެވެ. ދުރުމި ބޭނުން ކުރުމުގެ ސަބަބުން އިރުގެ ނުރައްކާތެރި ދޯދިތައް ލޮލަށް ވަންނަ ނިސްބަތް ބޮޑުވެ ނުރައްކާ ވުމުގެ ފުރުސަތު އޮވެއެވެ. އެކްސްރޭގަނޑު ބޭނުންކޮށްގެން އިރުގެ އައްޔަށް ބެލުންވެސް ރައްކާތެރިކަމަކަށް ނުވެއެވެ. އެކްސްރޭއިން އިރުން ފޮނުވާ ރޭޑިއޭޝަންގެ މިންވަރު ދަށްކޮށެއް ނުދެއެވެ.

މިއަދުގެ އިރުކޭތައިގެ ފަހުން ދެން އެންމެ އަވަހަށް އިރުކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އަންނަ މަހު ހަނދުކޭތައެއް ހިފާނެއެވެ.