އަލީ ޔާމިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް ސޯލިހު ވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ނުވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ މޫސާ މަނިކު ވިދާޅުވީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އުފެދިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމުގައި ހުންވަން ރައީސް ނަޝީދު ބޭނުންފުޅު ނުވާކަން އެއީ އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭ ކިތަންމެ ނުދައްކަން އުޅުނަސް ރައީސް ނަޝީދު އެހާ ހިތްޕުޅާއެއް ނުވޭ ރައީސް ސޯލިހު ވެރިކަމުގައި ހުންނަވާކަން،" މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމުގައި ހުންނެވިޔަސް ވެރިކަމުގެ ހުރިހާ ބާރެއް ކޮންޓްރޯލް ކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާކަމީވެސް އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގަނޑުބަނޑު އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އެގޮތުން ފުލުހުންނާއި ސިފައިން ލައްވައި ރައީސް ސޯލިހަށް ނަފުރަތު އުފެއްދުމުގެ ވިސްނުމެއް އެމްޑީޕީގެ ތެރޭގައިވެސް އަދި ރައީސް ނަޝީދުވެސް ގެންގުޅުއްވާ މަޖިލީހުގެ ތެރެއިން ފެންނަ މަންޒަރުތަކުން ހާމަވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާ އިރު، މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަވީ ކުޑައިރުއްސުރެ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަން ދިފާއު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހާއި އެމަނިކުފާނާ މެދު އެއްވެސް ނުތަވަސްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.