ޝަހީދާ އަބްދުﷲ ސައީދު
ދައުލަތުގެ ހަޒާނާ ހުސްވާ ވާހަކަ ނުދެއްކޭނެ ކަމަށާއި ދައުލަތުގެ ހަޒާނާގައި ފައިސާ ހުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު މުވައްޒަފުންނަށް މިމަހު މުސާރަ ދޭނެ ފައިސާ ނެތްކަމަށް ސަރުކާރުން ބުނުމާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ހަޒާނާގައި ފައިސާ ނެތިގެން މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުޅޭ ވާހަކަ ނުދެއްކޭނެ ކަމަށާއި ހަޒާނާގައި ފައިސާ ހުންނާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް އާމްދަނީ އިތުރުކުރާނެ އެއްވެސް ބިލެއް މަޖިލީހަށް ހުށަހެޅުއްވި ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި ފެނިވަޑައިގަންނަވަނީ އާމްދަނީ އިތުރުވަމުން ދިޔަ ކަންކަމާ ގުޅުންހުރި ބިލުން އިތުރުވާން ހުރި ކަންކަން ހުއްޓުވާ މަންޒަރު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަނި އޮތީ 29 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް އެއާޕޯޓް އަތުލުމަށް ޖީއެމްއާރަށް އެއްފަހަރާ 300 މިލިއަން ޑޮލަރު ދެއްކުމަށްފަހު 29 ބިލިއަން ރުފިޔާގެ ދަރަނިން ސަލާމަތް ވެވުނު ކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އެމްއެމްއޭގެ ރިޒާވްގައި ހުރީ 200 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު އެ ރިޒާވްގެ ގްރޮސް އަދަދު ވާނީ 700 މިލިއަނަށް އިތުރުކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދައުލަތުން ކޮންމެ މަހަކު މުސާރަ ދޭންޖެހޭ މީހުން ތިބޭ ކަމާއި މަޝްރޫއުތައް ހިންގަން ބޭނުންވާ ކަމަށްވާނަމަ، އެކަން މެނޭޖު ކުރަން އެނގޭނެ ގޮތްތަކެއް ސަރުކާރުން ގެންގުޅެންވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ދެމެދު، އެއީ ދައުލަތަށް ފައިސާ ވަންނާނެ ދުވަސްވަރެއް ނޫން ކަމަށެވެ. ނަމަވެސް ކުރިން އުންމީދުކުރި ވަރަށް ވުރެ ދައުލަތަށް ފައިސާ ވަންނަމުންދާ މިންވަރު ފަސް ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި އެއީ މިސަރުކާރުގެ އަތެއް އޮވެގެން ހިނގަމުންދާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ދައުލަތަށް ޓެކްސް ފައިސާ ވަންނަން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ވެސް ވިދާޅުވިއެވެ.