ޚަބަރު

ފްލައިމީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަނީ

އަލީ ޔާމިން

2

ވިލާ އެއާގެ ދަށުން އޮޕަރޭޓްކުރަމުން އަންނަ ފްލައިމީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން ވަޒީފާއިން ވަކިކުރާ ނޯޓިސް ދޭ ގޮތަށް ނިންމައިފިއެވެ.

ނަމަވެސް ހުރިހާ މުވައްޒަފުންނަށްވެސް ވެސް ނޯ-ޕޭއަށް ދެވޭނެ ފުރުސަތު ވަނީ ދީފައެވެ.

ފްލައިމީ އޮޕަރޭޓްކުރާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ސޮއިކުރައްވައި މިރޭ މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ، ފަތުރުވެރިކަން ހުއްޓިފައި އޮތުމުގެ ސަބަބުން އެއާލައިނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ހަރަދުކުޑަކުރުން ނޫން ގޮތެއް ޑިރެކްޓަރުންނަށް ނެތް ކަމަށެވެ. އެހެންކަމުން ވަޒީފާ އިން ވަކިކުރާނީ ނޯ-ޕޭގެ ފުރުސަތު ބޭނުންނުކުރާ މުވައްޒަފުން ކަމަށް ވިދާޅުވެފައިވެއެވެ.

"ވިޔަފާރިން އެއްވެސް އާމްދަނީއެއް ނުލިބުމާއި މާލީ އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭންކާއި އެހެން ގޮތްގޮތުން ވެސް ލިބެން ނެތުމުން ކުންފުނި ކުޑަކުރުން ނޫން އެހެން އެއްވެސް ގޮތެއް ނުފެނުނެވެ. މިއީ ނާޅާ ވޭތޯ ވަރަށް ބޮޑަށް ކުންފުނިން މަސައްކަތް ކުރަމުން އައި ފިޔަވަޅެކެވެ..،" ނާޝިދު ވިދާޅުވިއެވެ.

ސާކިއުލާގައި ނާޝިދު ވިދާޅުވެފައިވާ ގޮތުގައި ނޯ-ޕޭގައި ކުންފުނީގައި މަޑުކުރަން ބޭނުން މުވައްޒަފުންނަށް އެ ފުރުސަތު އެބައޮތެވެ. ނަމަވެސް ވިޔަފާރި ރަނގަޅުވެ، އަލުން ވަޒީފާއަށް ނަގާއިރު އެ މުވައްޒަފެއްގެ މުހިންމުކަމާ މެދު ވިސްނާނެ ކަމަށްވެސް ސާކިއުލާގައިވެއެވެ.

މީގެ އިތުރުން ސާކިއުލާގައި ނާޝިދު ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ފްލައިމީގައި ގާތްގަނޑަކަށް 300 މުވައްޒަފުން މަސައްކަތްކުރެއެވެ.

ވިލާ އެއާގެ މުވައްޒަފުން ވަކިކޮށް، ކުންފުނީގެ ގިިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭ ލީވްގައި މަޑުކުރަން އަންގާފައިވާއިރު ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވޭއިރު ވިލާ އެއާއިން ހިންގާ މާމިގިލީ އެއާޕޯޓް އަލުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟