ޚަބަރު

ފުލުހުންގެ މުއައްސަސާ ރީފޯމްކުރަން އުޅެނީ ބަދަލު ހިފުމުގެ ގޮތުން: ސައީދު

އަލީ ޔާމިން

ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ފުލުހުންގެ ބިލަށް އިސްލާހު ގެނައުމަކީ ޒަމާންވީ ބަދަލު ހިފުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާ ރީފޯމް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހުން ބަލައިގަނެ މިހާރު އޮތީ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ފޮނުވައިފައެވެ. ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީއަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި އެ ބިލަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވުނެވެ.

އެ ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ވަނީ ފުލުހުންގެ ޔުނީފޯމު ބަދަލުކޮށް، ކާކީ ކުލައިގެ ސޯޓުބުރިއަކާ ދިގު އިސްޓާކީނު ލައްވައިގެން ދަނޑިބުރިއެއް ދީފައި ފުލުހުން މަގުތަކަށް ނެރުމަށް ގޮވާލައިފައެވެ.

މެންބަރު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ރީފޯމްކުރަން އުޅެނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި ފުލުހުންނަށް ހަނގާކުރުމުގެ ފަސްލަފާތައް އުފަންކުރީ ކޮން ބައެއްކަން ފުލުހުންނަށް ރަނގަޅަށް އެނގޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިއީ ޒަމާނީ ބަދަލު ހިފުމެއް. "ބާގީ"، "ގޮޅާފޯސް"، "މަނީ މަނީ ޔެސް ސާ" ފަދަ ބުލީ ކުރުމުގެ ފަލްސަފާތައް އުފަންކުރީ ކޮންބައެއްކަން ފުލުހުންނަށް އެނގޭނެ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ފުލުހުންނަށް ހަނގާކުރި މައްސަލައިގައި އެއްޗެއް ބުނުމަށް ވެރިކަން ކުރާ ކޯލިޝަންގެ އިސްވެރިން ފަސް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ފުލުހުންގެ އިދާރާ ރީފޯމް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ޒަމާންވީ ހަސަދައެއް ފިލުވާލުމަށް ކުރާ ކަމެއް ކަމަށެވެ. އެގޮތުން 7 ފެބްރުއަރީ 2012ގައި ހިނގައިދިޔަ ކަންކަން އެމްޑީޕީގެ އިސްވެރިން އުޅެނީ ހަނދާނުން ނުފޮހިވެގެން ކަމަށް އެފަރާތްތަކުން ބުނެއެވެ.