ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، ކ. ކާށިދޫގައި ހަދާ އެއާޕޯޓުގެ ކޮންސެޕްޓް އެޕްރޫވަލްއަށް އެ ރަށު ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.
ޑީއާރުޕީގެ ލީޑަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އަމިއްލަ ހަރަދުގައި ކާށިދޫގައި ގާއިމުކުރާ "ޖާބިރު އެއާޕޯޓް" ގެ ކޮންސެޕްޓް އެޕްރޫވަލްއަށް ކާށިދޫ ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ކާށިދޫ ކައުންސިލުގެ ނާއިބު ރައީސް ސަހުލާ ޒާހިރު "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، އެއާޕޯޓުގެ ކޮންސެޕްޓް ޖާބިރު ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ މަަސައްކަތް ކުރިއަށްގެންދިއުމަށް ޖާބިރަށް ކައުންސިލުން ދަންނަވާފައިވާ ކަމަށްވެސް ސަހުލާ ވިދާޅުވިއެވެ.
ކާށިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ޖާބިރުގެ އިންތިހާބީ ވައުދެކެވެ.
ޖާބިރު ކާށިދޫ ކައުންސިލަށް ފޮނުވި ޕްރޮޕޯސަލުގައިވާ ގޮތުން، އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1320 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނާނެއެވެ. އަދި 60 މީޓަރުގެ ޓެކްސީވޭއަކާއި 45 މީޓަރުގެ އޭޕްރަން އެއް ގާއިމުކުރާނެއެވެ.
މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ޖާބިރު ވަނީ، އެއާޕޯޓް އެޅުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ކާށިދޫގައި އެއާޕޯޓް އަޅަން ޖެހެނީ އެރަށުގެ ކުޅި ހިއްކައިގެން ކަމަށްވާތީ އެކަމަށް ހަ މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.