ޚަބަރު

ކްލޮރޯކުއިންގެ ފޭކު ބޭހެއް ދައުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަލީ ޔާމިން

މެލޭރިއާގެ ފަރުވާއަށް ބޭނުންކުރާ ކްލޮރޯކުއިންގެ ފޭކް ޓެބްލެޓްސް އެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ކްލޮރޯކުއިން (Chloroquine) އަކީ ޕްލާސްމޯޑިއަމް ވައިވެކްސް އިންފެކްޝަން (މެލޭރިއާ) ގެ ފަރުވާއަކަށް ބޭނުން ކުރާ ބޭހެއް ކަމަށާއި އެ ބޭހުގެ ފޭކު ވައްތަރެއް އެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް ޑަބްލިޔުއެޗްއޯގެ އެލާޓް ނަންބަރު، RPG/REG/ISF/Alert No4.2020 ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް މި ދެ ބައްރުގެ ހަ ގައުމަކުން އެ ބޭހުގެ ފޭކް ޓެބްލެޓްސް ފެނިފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ އެލާޓުގައިވާ ކަމަށެވެ. އެގޮތުން ފޭކް ބޭސް ފެނިފައިވަނީ ބުރްކިނާފަސޯ، ކެމަރޫން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ފްރާންސްގެ އިތުރުން ނިގާ އިންނެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ އަދި (އެޕްރޫވްޑް ޑްރަގް ލިސްޓް) ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން ނޭޝަނަލް ޕްރޮގްރާމްގެ ބޭނުމަށް އެތެރެކުރާ ބޭހެއް ކަމަށެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ އެލާޓުގައި ފާހަގަކޮށްފައިވާ ފޯލްސިފައިޑް ބޭސް އުފައްދާ ކުންފުނިތަކަކީ، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އެތެރެކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ފޭކް ކްލޮރޯކުއިން ބޭސް އުފައްދާ ކުންފުނިތައް:

  • ޖިއާންސޫ ފާމަސޫޓިކަލް އިންކް/ ކެމަރޫން
  • އެސްޓްރަލް ފާމަސޫޓިކަލް/ ކެމަރޫން
  • ޑާވާ ލިމިޓެޑް/ ރިޕަބްލިކް އޮފް ކޮންގޯ
  • ބްރައުން އެންޑް ބާކް ފާމަސޫޓިކަލް ލިމިޓެޑް/ ފްރާންސް، ނިގާ