ރާއްޖޭގައި ކޮވިޑް 19ގެ ސަބަބުން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ވަނީ މި ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އެޗްޕީއޭއިން އާންމު ތަންތަނަށް އެއްވެ އުޅުމުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ ނުވާގޮތަށް އުޅުމަށް އަންގާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި އެންގުމާ ހިލާފަށް ބައެއް މީހުން އެއްވުންތައް ބޭއްވުމަށް ރާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މި ޓުވީޓުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ އަންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާއި ހިލާފު ނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.
އާންމު ތަންތަނަށް އެއްވުމާ ގުޅިގެން ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ "ނަވާނަވައި" އިން އަންނަ ހޯމަ ދުވަހަށް ސިޔާސީ ހަރަކާތެއް ހިންގުމަށް ރާވާފައި ވަނިކޮށެވެ.
"ނަވާނަވައި"ގެ މި ހަރަކާތަކީ "މަޖިލިސް ހޭލައްވާލާ މުޒާހަރާ"ގެ ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ މުޒާހަރާއެކެވެ. އަދި މި މުޒާހަރާ ރާވާފައިވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކަށް އިސްކަން ނުދީ ބޭކާރު ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުންދާ ދިއުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ އަޑު އުފުލުމުގެ ގޮތުން ކަމަށް "ނަވާނަވައި" އިން ބުނެފައިވެއެވެ.
މީގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް އަންނަނީ "ގައިދުރު ހަރަކާތު"ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕީޕީއެމްގެ އޮފީހުގައި ސިޔާސީ ހަރަކާތް ހިންގަމުންނެވެ.