ޚަބަރު

11 އަހަރު ކުއްޖާގެ ރޭޕްގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ގެސްޓްހައުސްއަކަށް ގެންގޮސް 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މަހު 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) އެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ އަނީސް ހިލްމީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު، ޕީޖީގައި އެދިވަޑައިގެންފައިވާތީ ކަމަށެވެ. އަދި ޕީޖީގެ ފަރާތުން އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކުރުމަށްފަހު ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.

ރޭޕްގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ އަރިހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓައިދޭން ޕީޖީގެ އަރިހުން ސީޕީ އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.