ޚަބަރު

އެންސިސް މަސް ފެކްޓްރީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެންސިސް މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް، ވަނީ މިކަން ވަން އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ވަސީމް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ދެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

"އެޗްޕީއޭއިން އަންގާފައިވާ ގަވާއިދުތަކާ އެއްގޮތަށް މިކޮޅުގައި ދަނީ ފިޔަވަޅުތައް އަޅަމުން،" ވަސީމް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ވަސީމް ނުދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ މަސް ފެކްޓްރީގައި ވަގުތީ ގޮތުން މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ. އޭނާ ޕޮޒިޓިވް ވިކަން އެނގިފައި ވަނީ މިއަދެވެ. މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެގައި މިހާތަނަށް 2150 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 1769 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.

މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 371 މީހަކަށެވެ. އެގޮތުން ކަރަންޓީން ފެސިލިޓީތަކުގައި 156 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 302 މީހަކު އެބަ ތިއްބެވެ.