ޚަބަރު

މައިމޫނާ އެޑްމިޓް ކުރީ ޓެސްޓެއް ހެދުމަށް، ހާލު ރަނގަޅު: މަބްރޫކު

މަރިޔަމް ޝަހުދާ

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެޑްމިޓް ކުރީ ޓެސްޓެއް ހެދުމަށް ކަމަށާއި މައިމޫނާގެ ހާލު ރަނގަޅު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މައިމޫނާ ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން "ވަން" އަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ މައިމޫނާ ޑޮކްޓަރަށް ދެއްކެވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

މަބްރޫކު ވިދާޅުވީ ޓެސްޓުތަކެއް ހެދުމަށް ކުޑަ ވަގުތު ކޮޅަކަށް މައުމޫނާ އެޑްމިޓް ކުރި ކަމަށާއި، ނަމަވެސް އިއްޔެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، މި ހާލަތުގައި މުހިއްމު ގިނަ ނިންމުންތަކެއް ނިންމާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން މައިމޫނާއެވެ.