ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މާލީ ބަޔާން ބޭނުންކުރައްވާފައި ވަނީ ނާޖާއިޒު ގޮތުގައި ކަމަށާއި އެކަމަށް ހިތާމަ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީހުންގެ އެކައުންޓުތަކުގައި ހުންނަ ފައިސާ އަކީ ޕްރައިވެޓް މައުލޫމާތު ކަމަށެވެ.
އެހެންނަމަވެސް ފައިސާގެ މައްސަލަ ނުވަތަ އިތުރު ކަމެއްގައި ނަމަވެސް ތުހުމަތެއް ކުރިމަތި ވެއްޖެ ނަމަ އެކަމަކުން ބަރިއްޔަތް ވެލައްވާނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މާލީ ބަޔާނެއް ހުށަހެޅިން. ދެން އޭގައި ހުރި މައުލޫމާތުތަކެއް ފުލުހުން ބޭނުންކުރަންވާނީ ޖާއިޒު ގޮތެއްގައި. މީހެއްގެ އެކައުންޓުގައި ފައިސާ ހުރުމަކީ އެމީހަކަށް ތުހުމަތު ކުރެވެން ޖެހޭ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މާލީ ބަޔާނުގައި ލިޔުއްވާފައިވާނީ އެމަނިކުފާނަށް އެނގިލައްވާ އެއްޗެހި ކަމަށެވެ. އެގޮތުން ރާއީސް ޔާމީންއާއި 100 މިލިއަން ރުފިޔާއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށްވެސް އެމަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ.
"ރައްޔިތުންނަށް މިއަދުވެސް ކަށަވަރުކަން އަރުވަން ބޭނުންވަނީ މި 100 މިލިއަން ރުފިޔާގެ ވާހަކަ، އޭގައި ނޯންނާނެ ގާނޫނާ ހިލާފަށް އެންމެ ލާރިއެއްވެސް،" އެމަނިކުފާނު ވިދާޅުވިއެވެ.