ރާއްޖޭގައި އަހަރަކު މަދުވެގެން ހައެއްކަ ކުޑަކުދިންނަށް ހަކުރުބަލި ޖެހޭ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ބަރުދަން މާބޮޑަށް ލުއިވާނަމަ، ނުވަތަ ކުޑަކުދިން ވަރުބަލިވެ މަޑުޖެހޭނަމަ ހަކުރު ބަލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިން އާދަޔާ ހިލާފަށް ކުޑަކަމުދިއުމާއި އާދަޔާ ހިލާފަށް ގިނައިން ފެންބޮއިހަދާ ނަމަވެސް ހަކުރު ބަލަން ޖެހޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަހަރަކު މަދުވެގެން ހައެއްކަ ކުދިންނަށް އިންސިއުލިން ޖަހަން ޖެހޭ ވައްތަރުގެ ހަކުރު ބަލި ޖެހޭ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.
ހަކުރު ބަލީގެ މައިގަނޑު ތިން ވައްތަރެއް ވެއެވެ. އެގޮތުން އެއްވަނަ ވައްތަރަކީ ކޮންމެ އުމުރެއްގައިވެސް މީހާގެ ގައިން ފެނިދާނެ ބައްޔެކެވެ. މި ބަލި ޖެހޭމީހުންގެ ލޭގައި ގުލްކޯޒް ހުންނަ މިންވަރު ހިފެހެއްޓުމަށް އިންސިއުލިން ބޭނުން ކުރަން ޖެހެއެވެ. ދެވަނަ ވައްތަރަކީ އާންމުކޮށް ބޮޑެތި މީހުންގެ ގައިން ފެންނަ ހަކުރު ބަލީގެ ބާވަތެކެވެ. މި ބައްޔަށް ފަރުވާކުރުމަށް އިންސިއުލިންގެ ބަދަލުގައި މުހިއްމީ ސިއްހަތަށް ފައިދާ ކުރުވަނިވި ރަނގަޅު ޑައިޓެކެވެ.
ގެސްޓޭޝަނަލް ޑައިބެޓީސް އަކީ ހަކުރު ބަލީގެ ތިންވަނަ ވައްތަރެވެ. މިއީ މާބަނޑު އަންހެނުންގެ ފުށުން ފެންނަ ޑައިބެޓީސްގެ ވައްތަރެކެވެ. މާބަނޑު ދުވަސްވަރު ގެސްޓޭޝަނަލް ޑައިބެޓީސް ހުންނަ މީހުން ވިހެއުމުގައި އެކި ކަހަލަ މައްސަލަތައް ދިމާވުމުގެ އިތުރުން، އެމީހުންގެ ދަރިންނަށް ފަހުން ހަކުރުބަލީގެ ދެވަނަ ވައްތަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން ބުނެފައިވެއެވެ.