ޚަބަރު

އެޗްއާރުސީއެމް ހިންގާ އިމާރާތުގައި ފެންބޮޑުވެ ގެއްލުންތަކެއް، ކޭސް ފައިލްތަކަށް ގެއްލުމެއް ނުވޭ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ހިންގަމުން އަންނަ އިމާރާތުގައި ފެންބޮޑުވެ، ގެއްލުންތަކެއް ވެއްޖެއެވެ.

އެޗްއާރުސީއެމްގެ ސެކްރެޓްރީ ޖެނެރަލް ޔާމީން އިބްރާހިމް "ވަން" އަށް ވިދާޅުވީ، ކުލިކް ކޮލެޖު ހިންގަމުން އަންނަ އިމާރާތުގައި ހުންނަ އެ ކޮމިޝަންގެ ތިން ފަންގިފިލާގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިޔަ މުވައްޒަފަކަށް ކަމަށާއި ތަނުގައި ފައިތިލަ ފޮރުވެވޭ ވަރަށް ފެން ބޮޑުވެ، ސީލިންގުގެ ބައެއް ވެސް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑާ ގުޅިގެން އެޗްއާރުސީއެމްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ އޮންލައިންކޮށް ގޭގައި، ގެއިން އޮފީހުގައި ހުންނަ ސިސްޓަމްތަކަށް މިރާ ކޮށްގެން. ނަމަވެސް ސިސްޓަމަށް ނުވަދެވިގެން އޭތި ރީސްޓާޓް ކުރުމަށް މިއަދު މުވައްޒަފު އޮފީހަށް ދިޔަތަނާ އެނގުނީ އޮފީހުގައި ފެންބޮޑުވެފައި ހުރިކަން. މުޅި އިމާރާތުން ވެސް ހުރީ ކަރަންޓު ކެނޑިފައި،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އިމާރާތުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވަނީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ މަސައްކަތުން ކޭސް ފައިލްތައް ސަލާމަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިސްޓަމްތަކަށް ފެނުގެ އަސަރު ކޮށްފައިވާއިރު ސާވާއަށް ފެން އެޅިފައި ނެތުމުން، އެއަށް ފެނުގެ އަސަރު ކޮށްފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ފެންބޮޑުވީ ފާހާނާގެ މުސްލިމު ޝަވަރެއް ނެއްޓިގެން ކަމަށް ބެލެވެނީ. މި ހާދިސާގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ވަނީ ހިއްސާކޮށްފައި. އަދި ކޮސްޓް އެސެސްމަންޓަކާއި ޑެމޭޖް އެސެސްމަންޓެއް މިދަނީ ހަދަމުން. އަދި އެ ރިޕޯޓް ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅާނަން. މި ރިޕޯޓް ތިން ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މިބަލަނީ. އެ ރިޕޯޓް ނިމުނީމަ ލިބުނު ގެއްލުމާއި ހާދިސާ ދިމާވާންވި ސަބަބު ވެސް އެނގޭނީ،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެޗްއާރުސީއެމް ހިންގާ އިމާރާތަކީ ވަރަށް ގިނަ މަރާމާތުތަކެއް ބޭނުންވާ ތަނެއް ކަމަށާއި ކުރިން ކުރި ވިއްސާރައިގައި މުޅި ތަނުގެ ކަރަންޓު ބަދަލުކުރަން ޖެހުނު ހާލަތަށް ދިޔަ ކަމަށެވެ. މި ދަތިތަކާއެކު އިތުރު ތަނެއް ލިބޭތޯ ވަރަށް މަސައްކަތްކުރާ ކަމަށާއި ނަމަވެސް ޖާގަ އާއި ބަޖެޓް ލިބިފައި ނެތުމުން އެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، އެޗްއާރުސީއެމް އޮފީސް ހިންގަމުން އަންނަ އިމާރާތުގައި ފަންގިފިލާގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބުނު ނަމަވެސް ކޮމިޝަނުން ދޭންޖެހޭ ހިދުމަތްތަކަށް ބުރޫ ނާރާނެ ކަމަށެވެ. އެގޮތުން ކޮމިޝަންގެ ހޮޓްލައިނަށް ގުޅޭނެ ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމަށް ބޭނުންކުރާ ޖެމްސް ނިޒާމަށް ސިޓީ އާއި ލިޔެކިޔުން ފޮނުވޭނެ ކަމަށެވެ. އަދި ކޮމިޝަނަށް ޝަކުވާ އާއި މެއިލް ވެސް ފޮނުވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.