އަލީ ޔާމިން
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންނަށް ނަފުސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެ ޕްރޮގްރާމު ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ ޕްރޮގްރާމް ކުރިއަށްގެންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމު ނިމޭއިރު 11،000 އަށްވުރެ ގިނަ މުދައްރިސުންނަށް ތަމްރީން ދެވޭނެ ކަމަށް ބުނެފައިވެއެވެ.
"މި ޕްރޮގްރާމުގައި މިހާތަނަށް 407 މުދައްރިސުންނަށް ވަނީ ތަމްރީން ދެވިފައި. އަދި ޕްރޮގްރާމު ނިމޭއިރު 11،000 އަށްވުރެ ގިނަ މުދައްރިސުން ތަމްރީން ކުރެވޭނެ،" އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމަކީ ކޮވިޑް 19އާ ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފުސާނީ މައްސަލަތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
ކޮވިޑު ފެތުރޭތީ ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު ކޮވިޑު ނެތް ރަށްރަށުގައި އަަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ހުރިހާ ގްރޭޑްތަަކަކަށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި މާލޭ ސަރަހައްދުގެ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިޔެވުން ފެށޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.