ރައީސް ޔާމީން

އެކައުންޓްގައި ހުންނާނީ ޖާއިޒު ފައިސާ، އެ ފައިސާއަށް ޒިންމާވާނަން: ރައީސް ޔާމީން

ޝަހީދާ އަބްދުﷲ ސައީދު

ރިޔާސީ ކެމްޕެއިންގެ އެކައުންޓްގައި ހުންނާނީ ޖާއިޒު ފައިސާ ކަމަށާއި އެފައިސާއަށް ޒިންމާވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި ފައިސާ ފުރީޒުކޮށްފައިވާ ކަމަށެވެ. އަދި އެކައުންޓްގައި ހުންނާނީ ހަލާލު ފައިސާ ކަމަށާއި އެފައިސާއަކީ ދައުލަތުގެ ފައިސާ ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެކައުންޓްގެ މައުލޫމާތުތަކަކީ ޒާތީ މައުލޫމާތުތަކެއް ކަމަށާއި އަދި އެމަނިކުފާނުގެ މާލީ ބަޔާން ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުންދާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.

''މީހުންގެ އެކައުންޓްގައި ހުންނަ ފައިސާ އަކީ އެމީހެއްގެ ސިއްރު މައުލޫމާތެއް. އެމައުލޫމާތު އާންމު ކުރުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް. އަޅުގަނޑުގެ އެކައުންޓަށް ވަތް ފައިސާ އަޅުގަނޑަށް އެނގޭނެ، މާލީ ބަޔާނުގައި ލިޔާނީ އަޅުގަނޑަށް އެނގޭ އެއްޗެއް ދެއްތޯ. އޭގައި ނޯންނާނެ ގާނޫނާ ހިލާފު އެންމެ ލާރިއެއްވެސް.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރައިސް ޔާމީންގެ އެކައުންޓްތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކުގައި މާލީ ބަޔާނުގައި އޮންނާނީ އެމަނިކުފާނުު ސޮއިކުރައްވާފައި ކަމަށާއި އެބަޔާނުގައި އޮތް ކޮންމެ އަކުރަކަށް، އަދި ކޮންމެ އަދަދަކަށް ޒިންމާ އުފުލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މީހެއްގެ އެކައުންޓްގައި ފައިސާ ހުރުމަކީ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކަމެއް ނޫން ކަމަށާއި އެ ފައިސާއާ ގުޅޭގޮތުން ފުލުހުން ސުވާލު ކުރައްވައިފިނަމަ ޖަވާބުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައިވާ 100 މިލިއަން ރުފިޔާ އައިސްފައިވާ ގޮތަކާ ބެހޭ ގޮތުން ސުވާލުކޮށްފިނަމަ އޭރުން އެ ތުހުމަތަށް އެމަނިކުފާނު ބަރީއަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރި މައްސަލައެއް ފުލުހުން ބަލަމުންދާތީ އެކައުންޓްގައި ހުރި ފައިސާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ފުރީޒުކޮށްފައެވެ. އެ މައްސަލައިގައި ރައީސް ޔާމީން ކުރިން ވިދާޅުވެފައިވަނީ ކެމްޕެއިން އެކައުންޓަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ހުޅުވާފައިވާ އެކައުންޓެއް ކަމަށެވެ.