ޚަބަރު

ހައްޖާއި އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ އަތުލި ބާގިރު މިނިވަންކޮށްފި

ހައްޖާއި އުމްރާގެ އަޅުކަމަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ އެސްބީޓީ އުމްރާ އެންޑް ހައްޖު ގްރޫޕުގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދު ޕެރޯލްގެ ދަށުން މިނިވަންކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ބާގިރު މިނިވަންކުރީ ރިޔާސީ އިންތިޚާބުގެ ކުރިން ކުށްވެރިން ޕެރޯލްގެ ދަށުން ދޫކުރިއިރުއެވެ. ބާގިރުގެ އިތުރުން ގިނަ ބަޔަކު ވަނީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ޕެރޯލްގެ ދަށުން މިނިވަންކޮށްފައެވެ.

ޚިޔާނާތުގެ ތަފާތު އެކި މައްސަލަތަކުގައި ހަތަރު އަހަރާއި ހަ މަހާއި 12 ދުވަހުގެ މަހުގެ ޖަލު ހުކުމެއް ބާގިރުގެ މައްޗަށް ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު އިއްވާފައިވެއެވެ.

އެންމެ ފުރަތަމަ ބާގިރަށް އިއްވީ 19 މަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އިއްވީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެމީހުން ހައްޖަށް ގެންގޮސްނުދީ އެ ފައިސާއަށް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

އެއަށްފަހު ދެން އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 13 މީހެއްގެ އަތުން 490،000 ރުފިޔާ ނެގުމަށްފަހު އެމީހުން އުމްރާއަށް ގެންގޮސްނުދީ އެ ފައިސާއަށް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ހައްޖާއި އުމްރާއަށް ގެންގޮސް ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާކުރުމުގެ ހައްގު އެމީހުންނަށް ލިބިގެންވާ ކަމަށް ކަމަށް ވެސް ބާގިރަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.