ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ހިޔާނާތުގެ ފައިސާ 267 ފަރާތަކަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.
އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ހިމެނޭ ކަމަށާއި އެހެންކަމުން އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރަށް ތަހުގީގު ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަންކުރުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އާންމުން ތުހުމަތު ކުރާ ކަމަށެވެ.
"ރައީސް ނަޝީދު ޖަލުން ސަލާމަތްވުމަށާއި މި ސަރުކާރު ވެރިކަމަށް ގެންނަންވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކުރި ކަމަށް އާންމު ރައްޔިތުން ތުހުމަތުކުރޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ،
އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުގެ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތު ވަނީ ފެއިލްވެފައި ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ އިތުރުން ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުން އަންނައިރު އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަންޏެވެ. އެމަނިކުފާނު ޖަލަށް ލެވުނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.