ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑަށް ޕޮޒިޓިވްވީ 13 މީހުން

މިދިޔަ 24 ގަޑިއިރު ތެރޭ 13 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 2150 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެއް ކަމަށެވެ.

މިމަހުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން މައްޗަށް އަރައިފައެއް ނުވެއެވެ. އަދި ގިނަ ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 އިން ދަށުގައެވެ.

އޭގެ އިތުރުން ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިހަ މީހަކު ބަލިން ރަނގަޅުވެފައެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 1769 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 371 މީހަކަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 156 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 302 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.