އަލީ ޔާމިން
މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރުމަށް ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.
މަދަނީ މައްސަލަތަކުގައި އާންމުކޮށް ތިން ގޮތަކަށް ދައުވާ އަނބުރާ ގެންދެވެއެވެ. އެއީ ދައުވާ ދޫކޮށްލުމުގެ ގޮތުން އަނބުރާ ގެންދާ ގެންދިއުމާއި ދައުވާ އިސްލާހުކުރަން އަނބުރާ ގެންދިއުމުގެ އިތުރުން ސަބަބެއް ބަޔާން ކުރުމެއް ނެތި އަނބުރާ ގެންދިއުމެވެ.
ޝަރޫ ލޯންޗް ސާވިސް އިން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އާ ދެކޮޅަށް ދައުވާކުރި މައްސަލައެއް ޝަރޫ އިން އަނބުރާ ގެންދަން ބޭނުންވެ، އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާއެއް އަނބުރާ ގެންދެވޭނީ އަޑުއެހުންތައް ފެށުމުގެ ކުރިން ކަމަށާއި އެގޮތަށް ނިންމާފައިވަނީ އިންސާފު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ހުކުމުގައިވެއެވެ.
ޝަރޫ އިން އެމްސީބީއާ ދެކޮޅަށް ދައުވާކުރި މައްސަލަ އެ ކުންފުނިން އަނބުރާ ގެންދިިޔައީ ދައުވާ އިސްލާހު ކުރަން ކަމަށް ބުނެ ކަމަށް ވިޔަސް އެގޮތަށް އެދުނީ ކީއްވެގެން ކަން އެ ކުންފުނިން ބަޔާން ކޮށްދީފައި ނެތް ކަމަށް އެ ހުކުމުގައިވެއެވެ. އަދި އެ މައްސަލައިގައި ދައުވާ އިސްލާހުކޮށް، އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ ކޯޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ފުރުސަތު ދިނުން ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ އެ ސަބަބުތަކާ ހުރެ ދައުވާ އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ޝަރޫއަށް ލިބޭ ގޮތަށް ސިވިލް ކޯޓުން މައްސަލަ ބާތިލުކުރި ކުރުން ބާތިލުކުރާ ކަމަށެވެ.
ފަނޑިޔާރު ހިމެނޭހެން ހަތަރު ފަނޑިޔާރުންގެ ބެންޗަކުން އިއްވި އެ ހުކުމުގައިވާ ގޮތުން ދައުވާއެއް އިސްލާހުކުރަން ނުވަތަ ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ އަނބުރާ ގެންދާ ހާލަތުގައި، އެ ދައުވާ އަލުން ހުށަހެޅިދާނެ ކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިން ބައެއް ކަންކަން ކޯޓުތަކުން ބަލަން ޖެހޭނެއެވެ. އެގޮތުން ދައުވާ އަނބުރާ ގެންދާ ސަބަބަކާއި، އޭގެ ސަބަބުން އެހެން މީހަކަށް ނާޒާއިޒު ފައިދާއެއް ވޭތޯ ބަލަން ޖެހެއެވެ.
މީގެ އިތުރުން އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ހުކުމުގައިވެއެވެ.