ޚަބަރު

ފުލުހުންގެ ބިލަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލި ބިލެއް: ހަސަން ލަތީފު

ފުލުހުންގެ ގާނޫނު އަލުން ހެދުމަށްޓަކައި ސަރުކާރުން ހުށަހެޅި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެސް ހަސަން ލަތީފެވެ. ނަމަވެސް އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ފުލުހުންނާއި އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ފުލުހުންނަށް ބާރުތައް ނުދިނުމަށް ވެސް މެންބަރުން ދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝްގެ އިތުރުން ފުލުހުންނާއި އެމީހުންގެ އާއިލާތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެ ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ބިލަކީ ގަދަރުވެރި، ޝަރަފުވެރި، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނޭ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ. އަދި އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގި މައުލޫމާތު ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބިލުގައި އެންމެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވަނީ ބިލުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވުމެވެ. އެގޮތުން އަލަށް ހުށަހެޅި ފުލުހުންގެ ބިލުގެ 14 ވަނަ މާއްދާ ހާއްސަކޮށްފައިވާ 241 ކޮމިޓީގެ ދައުރުގެ މައްޗަށެވެ.

ބިލުގައި 241 ކޮމިޓީގެ ބާރުތައް ބަޔާންކުރާ ބާބުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީއަށް އޮންނާނެއެވެ. އަދި ފުލުހުން ހިންގަމުން އަންނަ ނުވަތަ ހިންގާފައިވާ ނުވަތަ ހިންގަން ގަސްދުކުރާ އެކި އޮޕަރޭޝަންތަކާއި ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވޭނެއެވެ.

އޭގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖުމުލަ މެންބަރުންގެ އަގުުލަބިއްޔަތުން ނިންމައި، ލިއުމުން އަންގާ އެންގުންތަކަށް ތަބާވުމަކީ އެ އެންގުން ރައްދުވާ ފަރާތެއްގެ މައްޗަށް ލާޒިމުވާ ކަމެއްގެ ގޮތުގައި ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.