ޚަބަރު

ސޮނެވާ އިން މާފަރުގައި ހަދާ ކޮވިޑް ޓެސްޓްކުރެވޭ ލެބަށް ބޭނުންވާ މެޝިން އޭޑީކޭ ޓްރޭޑުން ގެނެސްފި

ރާއްޖޭގައި ރިސޯޓްތައް ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާ ކޮވިޑް 19 އަށް ޓެސްޓުކުރެވޭ ލެބޯޓަރީއަށް ބޭނުންވާ ޕީސީއާރު މެޝިނާއި ލެބަށް ބޭނުންވާ އެހެން ތަކެތި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ރާއްޖެ ގެނެސްފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގާ މާފަރު އެއާޕޯޓަކީ އަންނަ މަހު ރާއްޖެ އަލުން ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ތައްޔާރުވާ އެއް އެއާޕޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީގެ ކުރިން ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުމަށް މާފަރު އެއާޕޯޓުގައި ހަދާ ޕީސީއާރު ލެބަކީ ސޮނެވާ ގުރޫޕުގެ ހަރަދުގައި ހަދައިދޭ ތަނެކެވެ. އަދި އެތަން މިމަހުގެ 25 ވަނަ ދުވަހަށް ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސޮނެވާގެ ހަރަދުގައި ހަދާ އެ ލެބަށް ބޭނުންވާ ޕީސީއާރު މެޝިނާއި އެއްޗެހި ހޯދުމާއި ޓެކްނިކަލް ކޮންސަލްޓެންޓް ދިނުމަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއަށެވެ. އަދި އެ މަސައްކަތް ހަވާލުކުރިތާ ތިން ހަފުތާ ތެރޭގައި ލެބަށް ބޭނުންވާ ޕީސީއާރު މެޝިން އޭޑީކޭ ޓްރޭޑުން މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.

ނަމަވެސް މި ލެބް ހިންގާނީ ކޮން ފަރާތަކުން ކަމެއް އަދި ނޭނގެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު "ވަން" އަށް ވިދާޅުވީ، މާފަރު އެއާޕޯޓަށް ރާއްޖެ ގެނައި ޕީސީއާރު މެޝިނަކީ މިހާރު އޭޑީކޭގައި ހުރި ވައްތަރުގެ މެޝިނެއް ކަމަށެވެ. އަދި އެ މެޝިނުން ވެސް ދުވާލަކަށް 500 ކޮވިޑް ޓެސްޓު ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްއާލު އިތުރަށް ވިދާޅުވީ، މާފަރުގައި ހަދާ ލެބް ތައްޔާރުކޮށް ނިމުނުހާ އަވަހަކަށް އެތަނުގައި އޭޑީކޭ ޓްރޭޑުން ގެނައި މެޝިންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ކަންކަމުގައި އޭޑީކޭ ހޮސްޕިޓަލުގެ ދައުރެއް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ލެބް ހިންގާނީ އޭޑީކޭ ހޮސްޕިޓަލުންތޯ ސުވާލުކުރުމުން އަފްއާލު ވިދާޅުވީ، އެކަމާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލާއި ސޮނެވާ ގުރޫޕާ ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެތަން ހިންގާނެ ފަރާތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.