އިންފޮމޭޝަން ކޮމިޝަނަރު

ފުރަބަންދުގެ ލުޔާއެކު އައިކޮމްއިން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓް އާއްމު ކޮށްފި

ފުރަބަންދުގެ ލުޔާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓު ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

މި ރިޕޯޓު އާންމުކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓުގަ އާއި އައިކޮމްގެ ޓުވީޓާ އަދި ފޭސްބުކް އެކައުންޓު މެދުވެރިކޮށެވެ.

މި ރިޕޯޓަކީ ފުރަބަންދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އެކުލަވައިލައި ކޮންމެ ދެ ހަފްތާއަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ރިޕޯޓެކެވެ.

އިންފޮމޭޝަން ކޮމިޝަަނަރުގެ އޮފީސް ހުޅުވުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި، މުވައްޒަފުންގެ ހާޒިރީ ބަލަހައްޓަމުންދާ ގޮތާއި، އޮފީހަށް ހާޒިރުވެ މަސައްކަތްކުރި މުވައްޒަފުންނާއި، ގޭގައި ތިއްބަވައިގެން މަސައްކަތްކުރި މުވައްޒަފުންނާއި، އޮފީހަށް ލިބުނު އަދި ފޮނުވުނު ލިޔުންތަކުގެ ތަފުސީލާއި، ވޭތުވެދިޔަ ދެ ހަފްތާގައި ބޭއްވި ބައްދަލުވުންތަކުގެ ތަފްސީލާއި، ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތަފުސީލު މި ރިޕޯޓުގައި ހިމަނާފައި ވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރިޕޯޓު އާންމު ކުރުމުގެ މައިގަނޑު މަގުސަދަކީ، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މި ރިޕޯޓްގައި ވަނީ މެއި 31 އިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީސް ހިންގި ގޮތުގެ މައުލޫމާތު ހިމަނައިފައެވެ.

ރިޕޯޓްގައިވާގޮތުން ފުރަބަންދަށް ލުއި ދިނުމުގެ ކުރިން އެ އޮފީހުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ ގޭގައި ތިބެގެންނެވެ. ނަމަވެސް، ފުރަބަންދުގެ ލުޔާއެކު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން، އިންފޮމޭޝަން ކޮމިޝަނަރާއެކު އިތުރު ދެ މުވައްޒަފުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރި ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ފުރަބަންދުގެ ލުޔާއެކު އޮފީސް ހުޅުވަން ފެށީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ކަމަށާއި، އެދުވަހުން ފެށިގެން މިމަހު 11 ގެ ނިޔަލަށް އޮފީސް ހުޅުވީ، ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް ކަމަށްވެސް ބުނެފައި ވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ކުރިޔަށް އޮތްތަނުގައި ވެސް މި ގޮތަށް އެކުލަވައިލާ ރިޕޯޓުތަކާއި އަދި އެހެނިހެން މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި އެ އޮފީހުން އާންމުކުރާނެ ކަމަށެވެ.