ޚަބަރު

އަމީނީ މަގު ހެދުމުގެ މަޝްރޫއޫގެ މައުލޫމާތު ހާމަކުރަން ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓު ތާއީދު

މުހައްމަދު އިޝާން

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ހުރިހާ މައުލޫމާތެއް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ (މިހާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ)ން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދުމަށް އެދޭ ފަރާތަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

މއ. ސްނޯވައިޓް، އަހުމަދު އަފްރާހު އިސްމާއިލް ވަނީ 2022 އޮގަސްޓު 31 ވަނަ ދުވަހު މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތަފުސީލީ ޑިޒައިން ކުރެހުންތައް (އެ މަޝްރޫއުގެ ބައެއްގެ ގޮތުގައި ހިމެނޭނެ އުސްމިންތަކާއި، ބައިތަކާއި އަދި ފެން ހިއްކުމުގެ މަސައްކަތް ހިމެނޭ ގޮތުގެ އިތުރުން އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ގަހެއް ނަގައި ނުވަތަ ކަނޑާނެ ނަމަ އެކަން ކުރުމަށް ރާވާފައިވާ ގޮތާ ގުޅޭ މައުލޫމާތާއި ގަސްތައް ބަލަހައްޓާނެ ގޮތާއި ގަސްތައް ބަދަލުކުރާނެ ގޮތުގެ" މައުލޫމާތު ހޯދުމަށް އެދިފައެވެ.

އަދި ވަނީ އަމީނީމަގު އަލުން ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް ސާވޭއެއް ކުރެވިފައި ވާނަމަ އެކަމާ ގުޅޭ މައުލޫމާތު، އަމީނީމަގުގެ ވޯކް ޕްލޭން އަދ އަމީނީމަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުން ހޯދުމަށް އެދިފައެވެ.

އެ މައުލޫމާތު ހޯދުމަށް އަފްރާހު ހޯދުމަށް އެދިފައިވަނިކޮށް މިނިސްޓްރީން ވަނީ އެ މައުލޫމާތު ފޯރުކޮށްދިނުމުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފައެވެ. ނަމަވެސް މިނިސްޓްރީން ގާނޫނުގައި ބުނާ މުއްދަތުގައި އަފްރާހު ހުށަހެޅި ހުށަހެޅުމަށް ޖަވާބުދީފައެއް ނުވެއެވެ. އެހެންވެ އަފްރާހު ވަނީ އެކަމުގެ ޝަކުވާ އައިކޮމްއަށް ހުށަހަޅައިފައެވެ. އެ ޝަކުވާ ހުށަހެޅިފަހުން އަފްރާހު އެދުނު މައުލޫމާތުގެ ތެރެއިން ބައެއް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. ނަމަވެސް ދެންހުރި މައުލޫމާތު ފޯރުކޮށްދީފައި ނުވަނީ ގާނޫނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިނިސްޓްރީން ނުބުނެއެވެ. އެ މައުލޫމާތު ފޯރުކޮށް ނުދިނުމުން އަފްރާހު ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނާ އޮފީސް (އައިކޮމް)އަށް ހުށަހަޅައިފައެވެ. އައިކޮމްއިން އެ މައްސަލައިގައި ނިންމީ އެ މައުލޫމާތަކީ ހާމަކުރުން އިސްތިސްނާ މައުލޫމާތުތަކެއްކަން މިނިސްޓްރީއަށް ސާބިތުކޮށްދެވިފައި ނުވާތީ އެ މައުލޫމާތު ހާމަކުރުމަށެވެ.

އައިކޮމްގެ އެ ނިންމުން މިނިސްޓްރީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލައިގައި ހުކުމްކުރީ އައިކޮމްގެ ނިންމުމަށް ތާއީދުކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން ވަނީ ހައިކޯޓުގެ އެ ނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަަލަ ބެލުމަށްފަހު މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށާއި ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކުގެ ތެރެއިން އަފްރާހަށް ލިބި އޮތް ފުރުސަތުތަކަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު އޭނާ ހޯދުމަށް އެދުނު މައުލޫމާތު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މިނިސްޓްރީން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ މައުލޫމާތު ފޯރުކޮށްނުދީ އޮތް ސަބަބެއް ވެސް މިނިސްޓްރީން އަފްރާހަށް އަންގައިފައި ނުވާ ކަމަށެވެ. އެހެންކަމުން، މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ މުއްދަތު ފާއިތުވެދިޔައިރު، މުރާޖައާ ކޮށްދިނުން އެދި ހުށަހަޅާ ނިންމުމެއް އަފްރާހަށް ލިބިފައި ނުވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ބެލުމުން، އެ ގާނޫނުގެ ރޫހަކީ ވީ އެންމެ ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދިނުންކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ގާނޫނުގައ،ި ދައުލަތުގެ އިދާރާތަކުގައި ހިމެނޭ ބައެއް ބާވަތްތަކުގެ މައުލޫމާތު އެއްކޮށް ނުވަތަ އެއިން ބައެއް ހާމަ ކުރުމުން މެދުވެރިވެދާނެ މައްސަލަތަކެއް ހުރެދާނެކަން ބަލައިގަނެ އެ ހާލަތުގައި އަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައިވާއިރު އިސްތިސްނާ ހާލަތްތަކުގައި ވެސް އާންމު މަސްލަހަތަށް އިސްކަން ދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަފްރާހު ހޯދަން އެދުނު މައުލޫމާތުގެ ތެރެއިން ބައެއް މައުލޫމާތު ނުދީ ހިފެހެއްޓި ގާނޫނީ ސަބަބެއް މިނިސްޓްރީއަށް އެއްވެސް މަރުހަލާއެއްގައި ސާފުކޮށްދެވިފައިނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

"މައުލޫމާތެއް ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް މީހަކު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، ގާނޫނުން ނެރެން ބޭނުންވާ ނަތީޖާއަކީ އެ މައުލޫމާތު ލިބިދިނުމެވެ. އަދި އެ މައުލޫމާތު ނުވަތަ އޭގެން ބައެއް ފޯރުކޮށްދެވެން ނެތްނަމަ، އެފަދައިން އަމަލުކުރުމުގައި އާންމު މަސްލަހަތާ ފުށުނާރާކަން ކަށަވަރުކުރުމަށްފަހު، އެ މައުލޫމާތު ފޯރުކޮށްދެވެން ނެތީ ކޮން އިސްތިސްނާ ހާލަތަކަށް އެ މައުލޫމާތު ފެތޭތީކަން މައުލޫމާތު ހޯދަން އެދުނު ފަރާތަށް އެންގުމެވެ" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ހައިކޯޓުން ބަލަންވާނީ އައިކޮމްއަށް ހުށަހެޅި ހުށަހެޅުންތަކާއި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމަށް ބަލައިގެން ކަމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާއަކީ ޝަރީއަތް ކުރުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫން ކަމަށްވެފައި އެ މާއްދާގައި ހެއްކާ ގުޅޭ ކަންކަން ބަޔާންކޮށްފައި ނެތުމަކީ ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި ކޯޓުތަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު އުސޫލު އެއްފަރާތް ކުރެވިދާނެ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ހައިކޯޓުން މައްސަލައަށް ގޮތް ނިންމުމުގައި އައިކޮމްއަށް ހުށަހެޅި ހުށަހެޅުންތަކާއި ހެކިތަކާއި ދިފާއު ތަކަކީ އަސާސްކަމަށް ބަލައިގެން ކުރިއަށްގެންގޮސްފައިވުމަކީ އެ ސަބަބަށް ޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާއިން ލިބިދީފައިވާ ހައްގު ހަނިވާގޮތަށް ހައިކޯޓުން ނިންމައިފައިވާ ކަމުގައި ކަނޑައެޅޭނެ ހާލަތެއް ކަމުގައި އަހަރެން ނުދެކެމެވެ" ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ މައުލޫމާތު ހާމަ ނުކުރުމުގެ ގޮތުން އެކި މަރުހަލާތަކުގައި އެކި ސަބަބުތައް ނުދެއްކޭނެ ކަމަށެވެ.

"ވަކިވަކި ނުވަތަ ކޮންމެ މަރުހަލާއެއްގައި މައުލޫމާތު ދެވެން ނެތް ސަބަބުގެ ގޮތުގައި އެކި ފަހަރު އެކި ސަބަބު ހުށަހެޅުމަކީ ކޯރެއްގެ އައްސޭރިފަށުން އެކި ހިސާބުތަކަށް ދޮށި އުކައިގެން ވިޔަސް މަހެއް ބޭނޭތޯ އުޅުން ފަދަ ކަމެއް. އަދި އެފަދައިން އަމަލު ކުރަން ވެއްޖެ ނަމަ، މައުލޫމާތަކީ ހަގީގަތުގައި ވެސް އިސްތިސްނާވާ މައުލޫމާތެއް ކަމަށް ދެކުމުގެ އަދި ބަލައިގަތުމުގައި ވެސް ދަތިތަކެއް މެދުވެރިވެދާނެ ކަމަށް ފެނޭ،" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައިފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އޮނިގަނޑު އޮޅި، މަސްހުނިވުމުގެ ފުރުސަތު ހުޅުވޭ ފަދައަކުން ކަމުގައިވާ ނަމަވެސް ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ އައިކޮމްގެ ނިންމުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އައިކޮމްއަށް އަފްރާހު ހުށަހެޅި މައްސަލައަކީ ޝަކުވާއެއް ކަމުގައި ބަލައިގެން ކުރިއަށް ދިއުމުން، މައްސަލައާމެދު ގޮތް ކަނޑައެޅުމަށް ހިނގާ މަގުގައި ފަރަގެއް ހުންނާނެ ނަމަވެސް އަފްރާހުގެ ފަރާތުން އައިކޮމްއަށް ހުށަހެޅި މައްސަލައަކީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އޭނާ ހޯދަން އެދުނު މައުލޫމާތު ފޯރުކޮށް ނުދިނުމުގެ ޝަކުވާ ކަމަށްވާތީ، ހައިކޯޓުގެ ނިންމުމުން ވާސިލުވި ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލަ އަލުން ހައިކޯޓަށް ތަހުވީލު ކުރުމުގެ އިހުތިޔާރު ސުޕްރީމް ކޯޓަށް ލިބިދީފައިވީ ނަމަވެސް "އައިކޮމްއަށް ހުށަހެޅުނު މައްސަލައަކީ ޝަކުވާއެއް ކަމަށް ބެލުމުން ވެސް ނިކުންނަ އާހިރު ނަތީޖާއަކީ ހައިކޯޓުން މިހާރު ނިންމާފައިވާ ގޮތްކަން އެނގިހުރެ މި މައްސަލައިގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އަލީގައި މައްސަލަ އަލުން ބަލަން ފޮނުވުމަކީ އެކަށީގެންވާ އަވަސް މިނެއްގައި އަދުލު އިންސާފު ގާއިމުކޮށްދިނުމަށް އޮންނަ ޒިންމާއާ ފުށުއަރާ ކަމެއް ކަމަށް" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

އެހެންކަމުން އަފްރާހުގެ ފަރާތުން އައިކޮމްއަށް ހުށަހަޅާފައިވަނީ އިލްތިމާސެއް ކަމަށް ހައިކޯޓުން ކަނޑައެޅި އެޅުން ބާތިލުކުރާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ހުކުމަށް ތާއީދުކުރާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ޝުޖޫންގެ އެ ރައުޔަށް ތާއީދުކުރައްވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވިއެވެ.

އެހެންވެ މި މައްސަލައިގައި އައުލަބިއްޔަތުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ޝުޖޫން ވިދާޅުވީ އަފްރާހުގެ ފަރާތުން އައިކޮމްއަށް ހުށަހެޅި މައްސަލައަކީ އިލްތިމާސެއް ކަމުގައި ހައިކޯޓުން ކަނޑައަޅައިފައިވާ ކަނޑައެޅުން ބާތިލުކުރުމާއެކު، ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ފަނޑިޔާރު މަހާޒް ރައުޔުގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އޮތްގޮތުން، މިއީ ސުޕްރީމް ކޯޓަށް ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 64 ވަނަ މާއްދާގައި ބުނަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މައްސަަލައެއް 30 ދުވަހުގެ ތެރޭގައި ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ކޯޓަކުން ބެލޭނީ، އެ މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަނި ކަމަށެވެ.

"ގާނޫނުގެ މި އަކުރަށް ބަލާއިރު، މި އަކުރުގައި ޝަރުއީ ކޯޓުތަކުގެ ބަދަލުގައި ލިޔެފައިވަނީ މުފްރަދުކޮށް، "ޝަރުއީ ކޯޓަކުން" މި ގޮތަށް. އަދި 'މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަންޏެވެ.' ބަޔާންކޮށް، އިސްތިއުނާފީ އެހެން މަރުހަލާތައް އެވަނީ ސާފު އިބާރާތުން އިސްތިސްނާ ކޮށްފައި. މީގެ އިތުރަށް މި މާއްދާގެ (ހ) ގައި ހައިކޯޓުގެ އިތުރުން، ސުޕްރީމް ކޯޓުގެ ވާހަކަ ބަޔާންކޮށްފައި ނުވެއެވެ،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ ގުޅިގެން ހައިކޯޓުން ނިންމާ ނިންމުމަކީ، އެފަދަ މައްސަލަތަކުގައި ކޯޓުތަކުން ނިންމާ އެންމެ ފަހުގެ ނިންމުން ކަމުގައި އެ ގާނޫނުގެ ބޭނުމަށް ބަލަން ޖެހޭ ކަމަށެވެ.