ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 2499 ބަނގުލަދޭޝް ރައްޔިތަކު މިދިޔަ އެޕްރީލް މަހުގެ 21 އިން ފެށިގެން މިއަދުގެ ނިޔަލަށް އަނބުރާ އެގައުމަށް ފޮނުވާލައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ 21 އެޕްރީލް އިން ފެށިގެން މިއަދުގެ ނިޔަލަށް، ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އެ މީހުން ފޮނުވާލާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިން ބޭއްވި 11 ފްލައިޓާއި ބަންގްލަދޭޝްގެ ބިމާން އެއާގެ ފްލައިޓާއި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓަކާއި ރާއްޖޭގައި ގަވައިދާ އެއްގޮތަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެގައުމަށް ދިޔުމަށް ބޭނުންކުރި މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް މެދުވެރިކޮށް ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް އަންނަނީ ބާއްވަމުންނެވެ.
ކޮވިޑާ ގުޅިގެން އެހެން ގައުމުތަކުގެ ބިދޭސީން ވެސް ގައުމުތަކަށް ފުރުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ފުރުވާލި ބަންގުލަދޭޝް މީހުންގެ އަދަދު ވަނީ 3124 އަށް އަރައިފަ އެވެ. އަދި މިހާތަނަށް އިންޑިއާގެ 3710 މީހަކު ވެސް ގައުމަށް ފުރުވާލާފައިވެ އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް އޭޝިއާގެ ގައުމުތަކަށް 10،879 މީހަކު ފުރުވާލި އިރު، ޔޫރަޕްގެ ގައުމުތަކަށް 2091 މީހުން އަދި އެފްރިކާގެ ގައުމުތަކަށް 41 މީހަކު ފުރުވާލާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ.