ޚަބަރު

ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ހުޅުވާއިރު އަމަލު ކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން އާންމު ކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާ ގުޅިގެން މިހާރު ބަންދު ކޮށްފައިވާ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް އަންނަ މަހު ނިއު ނޯމަލްގައި ހުޅުވާއިރު އަމަލު ކުރަންވީ ގޮތުގެ އުސޫލެއް އެޗްޕީއޭއިން އާންމު ކޮށްފި އެވެ.

އެޗްޕީއޭއިން މިދިޔަ ބުދަ ދުވަހު އާންމު ކުރި އުސޫލުގައި ބުނެފައި ވަނީ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް އަލުން ހުޅުވާއިރު އެއްވަގުތެއްގައި ހިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލެއް ހަދަން ޖެހޭނެ ކަމަށެވެ.

ޖިމް އަދި ފިޓްނަސް ސެންޓަރުތަކުން ހިދުމަތް ހޯދުމުގައި ދުރާލައި އެޕޮއިންޓްމަންޓް ހޯދައިގެން ހިދުމަތް ހޯދޭނެ ގޮތެއް ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި މިއީ މިފަދަ ތަންތަނުގެ ހިދުމަތް އެއް ވަގުތެއްގައި ހޯދާ މީހުން މަދު ކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހުން އައިސް ކެއްސުން ފަދަ ކޮވިޑް 19ގެ އަލާމާތެއް ހުރި ނަމަ ޖިމް އަދި ފިޓްނަސް ސެންޓަރުތައް ފަދަ ތަންތަނަށް ނުދިއުމަށް މި އުސޫލުގައި ބުނެފައި ވެއެވެ. ޖިމްތަކަށް ދާ މީހުން މަދުވެގެން ތިން ފޫޓު ދުރުގައި ތިބެގެން، ގައިދުރުކަމާއެކު ހަރަކާތްތެރި ވެވޭނެކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

ޖިމަށާއި ފިޓްނަސް ސެންޓަރުތަކަށް ދާ މީހުން ޝެޑިއުލް ކޮށްގެން ދާއިރު އެއް ސެޝަންގެ މީހުން އަނެއް ސެޝަންގެ މީހުންނާ ބައްދަލު ނުވާ ގޮތަށް އަދި އެއްތަނަކަށް ގިނަ ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށާއި ތަނުގައި ބޭނުން ކުރާ ތަކެތި މަދުވެގެން ތިން ފޫޓު ދުރުގައި ބެހެއްޓުމަށާއި، އެތަކެތި ސާފު ކުރުމަށް މުވައްޒަފަކު ބެހެއްޓުން ނުވަތަ އެތަކެތި ސާފު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް މި އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް 19 އިން ރައްކާތެރިވުމަށް އަމަލު ކުރަންވީ ގޮތުގެ މައުލޫމާތާއި އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދު ފެންނަ ފެންނަ ގޮތަށް ތަނަށް ވަންނަ ދޮރު ކައިރީ ހުންނަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް އަލުން ހުޅުވާލާއިރު އެތަންތަން ޑިސްއިންފެކްޓު ކުރުމުގައި އަމަލު ކުރަންވީ ގޮތްވެސް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ސެޝަން ނިންމުމަށްފަހު އެތަނާއި ތަނުގައި ބޭނުން ކުރާ ތަކެތި ޑިސްއިންފެކްޓުކޮށް ސާފު ކުރަން ޖެހޭނެ ކަމަށް މި އުސޫލުގައި ވެއެވެ.

މީގެ އިތުރުން ޖިމް ތަކުގައި ސައުނާ އަދި ސްޓީމް ރޫމް ފަދަ ތަންތަން މިވަގުތު ބޭނުން ނުކުރުމަށް މި އުސޫލުގައި ވެއެވެ. ކާބޯތަކެތި ވިއްކާ ތަންތަނުގައި ޖިމް ނުބެހެއްޓުމަށާއި، ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި ފެނުގެ ހިދުމަތް ދޭނަމަ ފެންފުޅުި ރީފިލް ކުރެވޭނެ މެޝިނެއް ބެހެއްޓުމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ފެން ބުއިމަށް ޑިސްޕޯސަބަލް ތަށި ބޭނުން ކުރުމަށް ބުނެފައި ވެއެވެ.

އަންނަ މަހު ޖިމްތައް ހުޅުވަން ނިންމާފައިވާކަމަށް ސަރުކާރުން އާންމުކޮށްފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.