ޚަބަރު

އެސްޓީއޯގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ ނިޔަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަސް ނިމުމުގެ ކުރިން ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ނެރެފައިވާ އިއުލާނެއްގައި ވަނީ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށާއި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ވެސް އެ ތާރީހުގެ ކުރިން ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ސާފު ފައިދާއަށް، ޓެކުހަށް ކެނޑުމަށްފަހު ލިބުނީ 358 މިލިއަން ރުފިޔާ އެވެ. އެއީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 68 ޕަސެންޓު އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު 32 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވެސް ލިބިފަ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އާއްމެއް ނުކުރެ އެވެ.